ސަރުކާރުން ކަނޑައަޅާފައިވާ އަމާޒާ އެއްގޮތަށް ޚަރަދުތައް މި އަހަރު ބެލެހެއްޓިފައިވާ ކަމަށާއި އަހަރު ނިންމައިލާ އިރު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހުމަކީ ވެސް އެކަން ދައްކުވައިދޭ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ބަހުސްގައި މިއަދު ބައިވެރިވެޑައިގެން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ އުނދަގޫ ދަރަންޏެއް ދައްކަންޖެހޭ އަހަރު ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާފައިވަނީ އެ ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ދޭންޖެ ހޭ ޚިދުމަތްތަކަށް އެއްވެސް ހުރަހެއް ކުރިމަތި ނުވާނެ ގޮތަސް ކަމަށް ވިދާޅުވި އެވެ.
ޒަމޫރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓުންނާއި މަރުކަނީ ބޭންކުން ވެސް ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓަކީ ދެމެހެއްޓެނިވި ބަޖެޓެއް ކަމަށެވެ. އަދިއި ޓެކްސްތައް ބޮޑު ނުކޮށް އާމްދަނީ އިތުރުކުރުމަށް ތަފާތު އެކި ކަންކަން ކުރިއަށްގެން ދިއުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"ބޭރުގެ އެކި ކަހަލަ އިންވެސްޓްމަންޓުތައް ގެނައުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މި އަންނަ ބަދަލުތަކާއެކު ބްލޮކްޗެއިންނާއި ޓޮކަނައިޒޭޝަން ކަހަލަ ބައެއް އިނޮވޭޓިވް މެކޭނިޒަމް އަންނައިރު އެއަށް ވެސް އަޅުގަނޑުމެން ޓެޕް ކުރީމަ އަޅުގަނޑު ގަބޫލުކުރަނީ އެއަށް ވެސް އިގްތިސާދު ފުޅާކުރުމުގައި ލިބިގެންދާނެ ކުރިއެރުންތަކެއް." މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ރީޖަނަލް އެއަރޕޯޓުތަކަކީ ދައުލަތަށް ފައިދާވާނެ ތަންތަނަށް ހެދުމަށް ވެސް އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ޒަމީރު ވިދާޅުވި ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ވެސް ސަޕްލިމަންޓްރީ ބަޖެޓަކާ ހަމައަށް ދާން ނުޖެހޭ ގޮތަށް ބަކެޓުން ހަރަދުތައް ހަމަޖައްސައި ކަންކަން ކުރިއަށް ގެންދިއުމެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ދެއްކޭނެ ނިޒާމެއް ވެސް މިހާރު ގާއިމު ކުރެވިފައި އޮތް ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއީ މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ.