ބޮލީވުޑްގެ ތަރި، ރަންވީރު ސިންގްގެ އާ ފިލްމު "ދުރަންދާރު" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ މި ފިލްމަކީ ސްޕައި އެކްޝަން ތުރިލާއެކެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދުރަންދާރު" އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި އަދި އެކްޓަރު ވިކީ ކޯޝަލަށް ނެޝަނަލް އެވޯޑް ވެސް ލިބުނު 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހު ޑައިރެކްޓަރު އަދިތިޔާ ދާރް ގެނެސްދޭ ފުރަތަމަ ފިލްމެވެ.
ވަރުގަދަ ކާސްޓުންތަކެއް ވެސް ހިމެނޭ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ސަންޖޭ ދަތު، އަކްޝޭ ކަންނާރ. އަރުޖުން ރާމްޕާލް، އާރް މާދްވަން އަދި މާނަލް ގޯހިލް ހިމެނެ އެވެ.
"ދުރަންދާރް" ގެ ބަތަލާ އަކީ އާންމުކޮށް އިންޑިއާގެ ދެކުނުގެ ފިލްމުތަކުން ފެންނަ 20 އަހަރުގެ ބަތަލާ ސާރާ އަރްޖުން އެވެ.
މި ފިލްމަކީ މިދިޔަ އަހަރުގެ "ސިންގަމް އެގެއިން" އަށް ފަހު ރަންވީރު ފެންނަ ފުރަތަމަ ފިލްމެވެ.