އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ގައި 5 ޓީމު ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ރޭ ވަނީ ގުރު ވެސް ލައިފަ އެވެ. ވާދަކުރާ ޓީމުތަކަކީ ފްރެންޑްސް ކުލަބް، މައިލޯ ސިޓީ ސްޕޯޓްސް ކުލަބް، ފާހި ސްޕޯޓްސް، ކްލަބް ލޮތާރި އަދި މަރަދޫ އެފްސީ އެވެ.
މި މަހުގެ 22 ވަނަ ދުވަހު ފަށާ މުބާރާތުގެ މެޗްތައް ކުޅޭނީ ހިތަދޫގައި އޮންނަ އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2025" މައި ސްޕޮންސަރަކީ ހެޕީ މާކެޓެވެ.
"އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމާ އެކު، ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައި ދިނުން ކަމަށް ކައުންސިލުން ބުނެ އެވެ.
ދެހާސް ނަވާރާ އިން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނަކީ ހިތަދޫ މައިލޯ ސިޓީ ސްޕޯޓްސް ކުލަބެވެ.
އެ މުބާރާތުގެ މައި ސްޕޮންސަރަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.