Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

ބަޖެޓް ބަހުސް ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ނިންމާލައިފި އެވެ.

ބަޖެޓް ބަހުސް ނިންމާލީ، ބަޖެޓަށް ބަހުސް ކުރަން ބޭނުންވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ދިނުމަށްފަހު އެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ 30 ގަ އެވެ. އޭގެ ފަހުން މި މަހު 6 ގައި ބޭއްވި ބަޖެޓު ކޮމެޓީ ބައްދަލުވުމުގައި ވަނީ މާދަމާއަށް ބަޖެޓު ދިރާސާކޮށް ނިންމަން ވެސް ކަނޑައަޅައިފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.

ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.