ގޫގުލް އިން އައްޑޫގައި ހިންގަން ނިންމާފައިވާ އިންވެސްޓްމަންޓާ ބެހޭ އެެއްވެސް މައުލޫމާތެއް ސަރުކާރުން ކައުންސިލާ މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ގޫގުލް އިން އައްޑޫގައި ސަބްމެރިން ލޭންޑިން ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާކަން ހަބަރުތަކުން އެނގުމުން އުފާވެރިކަމެއް އިހުސާސް ކުރެވުނު ކަމަށެވެ.
"އެހެންނަމަވެސް މިކަން ހިންގަން ސަރުކާރުން ރާވާ ގޮތެއް އަދި މިވީ ތަނަށް ކައުންސިލާ ހިއްސާކޮށްފައެއް ނުވޭ،" މޭޔަރު ވިދާޅުވި އެވެ. "އައްޑޫ ރައްޔިތުންނަށް މަންފާ ނުވާ ގޮތަށް އައްޑޫގެ ބިން ބޭރު ބަޔަކަށް ވިޔަފާރިކުރުމަށް ދެވެން ޖެހޭނެ ކަމަކަށް ގާބޫލް ނުކުރަން."
އެހެންވެ ހާއްސަކޮށް އައްޑޫގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އެކަން ގަބޫލް ނުކުރެވޭނެ ކަމަށް ވިދާޅުުވި އެވެ.
ގޫގުލް އިން މި ބޮޑު އިންވެސްޓްމަންޓް ހިންގަން ނިންމާފައި ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއަކާއި ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރާ ގޮތަށެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުގައި ގޫގުލްގެ އެގްޒެކެޓިވްސްއާ ބޭއްވުނު މަޝްވަރާތަކަ ށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢެކެވެ.
އެގޮތުން އައްޑޫގައި ހަދާ ފެސިލިޓީއާއެކު ރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހިމެނޭގޮތަށް އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށް ބުނެފައިބެ އެއެވެ. މިއީ އިންޑިއާ ކަނޑުގައި ޤާއިމުވެގެންދާ ވިލިޒަށް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ޤާއިމްވުމަށް ލިބިގެންދާ ފުރުޞަތެކެވެ.
މާލެއާއި ހުޅުމާލޭގައި މިހާރު ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓްތަކުގެ އިތުރުން އައްޑޫގައި މި ޕޮއިންޓް ގާއިމުކުރެވުމުން، ރާއްޖޭގެ އިޤްތިޞާދީ ތަރައްގީ އަށް މަގުފަހިވެ، ސަރަހައްދީ މުވާޞަލާތީ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެއަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާ އެކީގަ އެވެ.