Last Updated: July 6, 11:08
Monday, July 6, 2026
ޚަބަރު

ރައީސް މުއިއްޒަކީ ރާއްޖެއަށް ލިބުނު ޖަވާހިރެއް

ފަލާހު ރައީސާ ސަލާމްކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖެއަށް ލިބުނު ޖަވާހިރެއް ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީއެންސީން ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުތަކުން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއަށް ނުފޫޒާއި ބާރު ފޯރުވި ކަމަށާއި ނަމަވެސް މި ސަރުކާރުން ޒައްރެއްގެ މިންވަރަށް ވެސް ނުފޫޒު ނުފޯރުވާ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި މިއަދު ރާއްޖޭގެ ޖަލެއްގައި މީހަކު ނުހުންނާނެ ކަމަށާއި ސިޔާސީ ފަރާތްތަކަށް ހިޔާލުފާޅުކުރަން ޖާގަ ދީފައިވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

"އެހެންވީމަ ހަގީގަތުގައި އެމަނިކުފާނަކީ (ރައީސް މުއިއްޒު)، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ގައުމަށް ލިބިފައި ހުރި ޖަވާހިރެކޭ،" ފަލާހު ވިދާޅުވި އެވެ.

ޕީއެންސީ އަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި މީގެއިން ދައްކުވައިދެނީ ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އެމަނިކުފާނުގެ ޒައާމަތާއި ދޭތެރޭ ރައްޔިތުން ރުހިގެން ތިބި މިންވަރު ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ރައީސް މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތީ ވަރަށް ޙާލުގައި ކަމަށާއި، ރައްޔިތުން އެމަނިކުފާނާ ޤައުމު ޙަވާލުކުރެއްވީ އުއްމީދާ އެކު ކަމަށެވެ. އަދި މިދިޔަ ދެއަހަރުގެ ތެރޭގައި ހީކުރި ވަރަށް ވުރެ ފުރިހަމަކޮށް ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވާފައިވާ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.