Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

"އޭނ، ލަވް މެރިޖެއް ދޯ؟!"

މިއީ ވަރަށް ގިނަ މީހުން އަޅުގަނޑާ ކޮށްއުޅުނު ސުވާލެކެވެ. ޚާއްޞަކޮށް ކައިވެނިކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅު އެވެ. އަޅުގަނޑު ކުރީ “ލަވް މެރިޖެއްތޯ”އެވެ؟ އެކުވެރިންނާއި ބައެއް ގާތްތިމާގެ މީހުންނެވެ. އެހެނީ ކުއްލިއަކަށް އެ މީހުންނަށް ފެނުނީ އެމީހުން ނުވެސްދަންނަ މީހަކާ އަޅުގަނޑު ކައިވެނިކުރި ތަނެވެ.

އަޅުގަނޑުގެ ޖަވާބު ވަރަށް ކުރެވެ. އެއީ ލައްބަ އެވެ. އަޅުގަނޑު ކުރީ “މެރިޖް ލަވް" އެކެވެ. ފުރަތަމަ ކުރީ ކައިވެންޏެވެ. ދެން ލޯބިވީ އެވެ. އެހެންކަމުން، މިޖަވާބުގެ ސަބަބުން އެހެން ސުވާލަކަށް ޖާގައެއް ނުލިބެ އެވެ.

މި ދައްކަން އުޅޭ ވާހަކައިގެ ތަފްސީލަކަށް ދަމާތޯ އެވެ. އާދެ، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަނީ، ކައިވެނި ކުރުމުގެ ކުރިން އެކަކުއަނެކަކުދެކު ލޯބިވާން ޖެހޭނެ ކަމަށެވެ. އެއީ ކޮންމެހެން ޒަރޫރީ ކަމެއްގެ ގޮތުގަ އެވެ. ދެ މީހުން އެކަކު އަނެކަކަށް ދަސްވެ “އަޖުމަބެލެން” ޖެހޭނެ ކަމަށެވެ. އެހެންކަމުން، މިގޮތަށް ދިހަބާރަ މީހުންގެ އަޖުމަބެލޭ އިރު ވެސް އެބުނާ ކައިވެނި ކުރަން އެކަށީގެންވާ މީހަކާ ބައްދަލު ނުވާ މީހުން ވެސް އުޅެ އެވެ. މި ރާއްޖޭގައި މިކަންވެފަ އިވަނީ އާދައިގެ ކަމަކަށެވެ.

އޭގައި އެއްވެސް މައްސަލައެއް ނެތް ކަމެއްގެ ގޮތުގަ އެވެ. މުޖްތަމަޢުގައި އެކަމަށް އެހާ ތަރުހީބު ވެސް ދެވޭ ކަމެއް ގޮތުގަ އެވެ. ޚާއްސަކޮށް މައިންބަފައިންނާއި ޢާއިލީ މީހުންގެ ފަރާތުންނެވެ.

ނަމަވެސް، ދަންނައެވެ. އިސްލާމް ދީނަކީ ވަރަށް މާތްމަތިވެެރި ދީނެކެވެ. މިދީނުގައި، އެފަދަ ހަޑިމުޑުދާރު ގޮތަކަށް ކައިވެނީގެ ކުރިން އުޅުން، އެއީ ކަނޑައެޅިގެން ޙަރާމްކަމެކެވެ. ކައިވެނީގެ ކުރިން ހިލޭމީހަކާއެކު ލަދެއް ޙަޔާތެއްނެތި، ބޭނުންހާ ގޮތަކަށް އުޅެން، މިމާތް ދީނުގައި ފުރުޞަތު ހުޅުވާލެވިފައެއް ނޯވެ އެވެ. އެހެންކަމުން، “މިއީ އަހަރެން ކައިވެނިކުރަން އުޅޭކުއްޖާ” އޭ ނުވަތަ “މިއީ އަހަރެންގެ ބޯއިފްރެންޑޭ” ނުވަތަ “ގާލްފްރެންޑޭ” ބުނުމުން، ތިބާ އޭނައާ އެކު ބޭނުންހާ ގޮތަކަށް އުޅެން ހުއްދައެއް ނުކުރެ އެވެ.

މި ދީނަކީ އެއަށްވުރެ މާތްމަތިވެރި ދީނެކެވެ. މިދީނުގެ އެންމެ ޚާއްޞަ އެއް ސިފައަކީ ދަލުވެތިކަމުގެ ސިފައެވެ. އެހެންކަމުން، ލަތުވެތިކަމެއްނެތްނަމަ، ބޭނުން ކޮންމެ ކަމެއްކުރާށޭއެވެ، ޙަދީޘްފުޅުގައި އޮތުމުގެ މުރާދަކީ، ދަލުވެތިކަން ނެތިއްޖެ މީހެއް ނަމަ، އެމީ ހަކު އުޅޭނީ ބޭނުން ގޮތަކަށެވެ. ފާފަތަކާއި، ހަޑިހުތުރުކަންކަމަށް އަރައިގަތުމަކީ އެއްވެސް ކަމެއްނޫނެވެ. އަޅުގަނޑުމެންގެ މި މުޖުތަމަޢަށްވެފައި މިވަނީ މިހެން ބާވައެވެ؟

އެހެނީ، މިކަމުގައި ލަތުވެތިކަމުގެ ސިފަ އެއްކޮށް މުޖުތަމަޢުން ފޮހެވިގެން ހިގައްޖެއެވެ. ދެރަވެ ހިތާމަކުރަންޖެހޭވަރުގެ ކަމެކެވެ. ކޮޅުނެތްކޮޅަށް ރޯންޖެހޭވަރުގެ ކަމެކެވެ. މުޅި މުޖުތަމަޢު މިކަމުގައި ފެއިލުވެއްޖެއެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ދާއިރާ ފެއިލުވެއްޖެއެވެ.

މައިންބަފައިންނާއި، ޢާއިލީމީހުންނާއި، އެކުވެރިންވެސް މިފަދަ މުޑުދާރުކަންކަމަށް އެއްބާރުލުންދީގެން ނުވާނެއެވެ. މިއީ ކަނޑައެޅިގެން މުންކަރާތެކެވެ. އަދި އެފަދަ ދެމީހަކު ނާޖައިޒުގޮތުގައި އެހިންގާ ގުޅުމަށް ދެވޭ އެއްބާރުލުމަކީ، އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހުން ވެސް، މިއަދު އެކަމަށް އެއްބާރުލުންދޭ ބަޔަކު ނަގަންޖެހޭނެކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނެވެ. މައިންބަފައިންނަށް މިކަމުން ރެކެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.

ހަމަކަށަވަރުން، ކައިވެންޏަކީ އިސްލާމްދީނުގައި ވަރަށް މާތް ޤަދަރެއް އެގުޅުމަކަށް ދެވިފައިވާ މާތް ގުޅުމެކެވެ. ހެޔޮގޮތުގައި، ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މިއީ އެޅޭ އެންމެ ވަރުގަދަ އަދި އެންމެ ފުރަތަމަ ފިޔަވަޅެވެ. ކައިވެނީގެ މި ގޮށަކީ، ދެމަފިރިން މާތްﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދަން، ހަޔާތުގެ މައިކަނޑުގައި ދަތުރުފަށާ ފެށުމެެކެވެ.

ވުމާއެކު، ޢިޝްޤީ މަސްތެއްގައި ޖެހި، ރުހޭ ލޮލަކަށް އައިބެއް ނުފެންނާނެ ފަދަ ގޮތަކަށް ކޮށްނިންމާލަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެއަށް ވުރެ މާސީރިއަސް ކަމެކެވެ. ވަރަށް ޒިންމާދާރު ކަމެކެވެ. އެއާ ގުޅިގެން އަމާނާތްތަކެއް ހަވާލު ކުރެވޭތީ އެވެ. ބަލަދުވެރިއަކަށް ވެގެންދާނެތީ އެވެ. ޤިޔާމަތް ދުވަހުން މިހުރިހައި ކަންތައްތަކާ ބެހޭ ގޮތުން ސުވާލު ކުރެވޭނެތީ އެވެ.

އެހެންކަމުން، ތިމާ މީހަކާ ކައިވެނިކުރަން ގަސްދުކުރާ ހިސާބުން ފެށިގެން ބަލަން ޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، މިކަމަކީ ވެސް މާތް ﷲ ގެ ރުއްސެވުން ހޯދުމަށް ކުރާ ކަމަކަށް ހެދުމެވެ. ތިބާގެ އިއްފަތްތެރިކަން ސަލާމަތުން ބެހެއްޓުމަށް ކުރާކަމަށް ހެދުމެވެ. އިސްލާމީ މަތިވެރި ޖީލެއް ބިނާކުރުމަށް ކުރާ ކަމަކަށް ހެދުމެވެ.

ނަމަވެސް، ބައެއްމީހުން މި ވާހަކަތަކާ ދެކޮޅު ހަދައިފާނެ އެވެ. “ނުދަންނަ މީހާކާ އިންނާނީ ކިހިނެއްހޭ” އަހައިސުވާލު އުފައްދަފާނެ އެވެ. ތިސުވާލަށް ދޭނެ ޖަވާބު ވެސް އެބައޮތެވެ. ތިބާ ނުދަންނަ މީހަކާ ކައިވެނިކުރާ ވާހަކައެއް މިތާނކު ނުދެކެވެ އެވެ. ތިބާ ދަންނަ މީހަކު ހޯދާށެވެ. އެކުވެރިންނާއި، އޭނަގެ ޢާއިލީ މީހުން ކައިރިން އޭނަގެ ފުރިހަމަ މަޢުލޫމާތު ހޯދާށެވެ. އޭނަގެ މިޒާޖަކީ ކޮބައިކަން އެމީހުންކުރެން އަހައިއޮޅުންފިލުވާށެވެ.

ފަރުޟު ފަސް ނަމާދަށް ރައްކާތެރިވޭތޯ ބަލާށެވެ. މައިންބަފައިންނަށް ކިޔަމަންތެރިކޮށްހިތާ މީހެއްތޯ ވެސް ބަލާށެވެ. މުސްކުޅިންނަށް އޯގާތެރިވެ ކުޑަކުދިންނަށް ރަޙްމުކުރާ މީހެއްތޯ ވެސް ބަލާށެވެ. ތިބާ ހިތްއެދޭ ހުރިހައި ދާއިރާއަކުން ވެސް ބަލާށެވެ. ބުރުސޫރައިގެ ރީތިކަމަށް އަހައްމިއްޔަތުކަން ދޭ ނަމަ، އެކަންވެސް ބަލާށެވެ.

ދެން ތިބާ ގަޔާވާ ހިތްއެދޭކަހަލަ ސިފަތަކެއް އެމީހެއްގެ ކިބައިގައި ވަނީނަމަ، އޭނާގެ މައިންބަފައިންނަށް އޭނައާ ކައިވެނިކުރުމަށް ހުށަހަޅާށެވެ. އަދި އެމީހަކަށްވެސް ތިބާއާ ބެހޭގޮތުން މަޢުލޫމާތު ޖަމާކުރަން ފުރުޞަތުދޭށެވެ. ތިބާގެ ރައްޓެހީންނާއި، މައްސަކަތު ބައިވެރިންނާއި އަދި ޢާއިލީމީހުން ކައިރިން ތިބާގެ މިޒާޖަކީ ކޮބައިކަން ދަސްކުރުމަށް ދޮރުހުޅުވައިދޭށެވެ. ދެން އޭނާ ވެސް ތިބާއާ ރުހި، ތިބާއާމެދު ހިތްހަމަޖެހޭނަމަ، އެކަހެރިކޮށް ބައްދަލު ކުރުމުގެ ބަދަލުގައި، ފޯނުން ވާހަކަ ދެއްކިދާނެ އެވެ. ކައިވެނީގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަޝްވަރާކުރުމަށެވެ. ނަމަވެސް، ވިސްނާލަން ޖެހޭ ތަންކޮޅަކީ، ކައިވެނީގެ ކުރިން ދައްކަންނުޖެހޭ ވާހަކަދެއްކުން ހުއްދަ ނުވާނެކަމެވެ. ޝައިތާނާއަށް ތިގުޅުން ކިލަނބުކޮށްލަން އެއްވެސް ފުރުޞަަތެއް ނުދޭށެވެ.

އެސޮރު ވަރަށް މައްސައްކަތް ކުރާނެއެވެ. އެސޮރުގެ ނުބައި ބީހުން ތިގުޅުމުގެ ތެރެއަށް ވެއްދޭތޯ އެވެ. ކައިވެނީގެ ކުރިންނެވެ. އެހެނީ އެކަން އޭނާ އަށް ކާމިޔާބުކުރެވުމަކީ، ތިގުޅުމުގައި މާތް ﷲ ލައްވާނެ ބަރަކާތްނެތި ހިނގައިދާނެ ކަމެކެވެ. އެހެންކަމުން، އެކަމަށް ސަމާލުވާށެވެ.

މާތް ﷲ ގެ ރަޙްމަތުން، މިގޮތަށް ކުރެވޭ ކައިވެނީގައި އެ އިލާހު ބަރަކާތްލައްވާނެ އެވެ. ޝައިޠާނާގެ މުޑުދާރު ބީހުމެއް ނުވާނެ އެވެ. އަމާންއޮމާން ޒަވާޖީ ޙަޔާތެއް ލިބޭނެ އެވެ. އަދި ތިބާގެ އަނބިމީހާ/ފިރިމީހާކީ ތިބާއަށް ވަފާތެރިމީހަކަށް ވާނެއެވެ. އޭނާ ދެކެ ތިބާ އިންތިހާއަށް ލޯބިވާނެ އެވެ. މާތް ލޯތްބެކެވެ. ކަނުކަމެއްނެތް ފުރިހަމަ ލޯތްބެކެވެ.

މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އޭނާ ތިބާއަށް އެހީވާނެ އެވެ. ތިބާ ފަރުވާކުޑަވެ ކަންނެތްވާ ހިނދު ހިތްވަރު އައުކޮށްދޭނެ އެވެ. މަގުން ކައްސާލައިގެންދާ ނަމަ، ހަމަމަގަށް އަޅުވާނެ އެވެ. އެހެންކަމުން، ދެމީހުންގެ ދެމެދުގައި އުފެދިގެން ދާނީ ވަރަށް ވަރުގަދަ ގުޅުމެކެވެ. ވަރަށް މަތިވެރި ލޯތްބެކެވެ. ކިތަންމެ، ވަރުގަދަ ތޫފާނެއް އަޔަސް އެ ގުޅުމަކަށް ލޮޅުމެއްހާ މިންވަރު ވެސް އަރުވައެއް ނުލެވޭނެ އެވެ.

الحمد لله އެއީ “މެރީޖް ލަވް”އެކެވެ.

ނޯޓް: މިއީ ޝަފީޢު ޢަބްދުﷲ ގެ ލިޔުއްވުމެކެވެ.