Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

'ދަބަންގް 4' ހަދާނެކަން ކަށަވަރުކޮށް ދީފި

ޗުލްބުލް ޕާންޑޭ ކިޔާ ފުލުހެއްގެ ރޯލު ސަލްމާން ޚާން ކުޅެމުން އަންނަ "ދަބްނަގް" ސީރީޒްގެ ހަތަރު ވަނަ ބައެއް ވެސް ހަދާނެކަން މީގެ ޕްރޮޑިއުސަރު އަދި ސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ކަށަވަރުކޮށް ދީފި އެވެ.

ބޮލީވުޑް ހަންމާގާ އަށް އޭނަ ބުނީ "ދަބަންގް 4" އާ ގުޅުން ހުރި މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެކަމަކު އަވަސް އަރުވާލައިގެން އެ ފިލްމު ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ބުންޏެވެ.

"ކަށަވަރުކޮށް ދެން ދަބަންގް ހަތަރެއް ހަދާނެކަން. އެކަމަކު މި ވަގުތަށް ފިލްމާ ގުޅުން ހުރި އެއްވެސް ކަމެއްގެ ޓައިމްލައިނެއް ދޭކަށް ނޭނގޭ،" އަރްބާޒް ބުންޏެވެ.

އޭނަ ޕްރޮޑިއުސްކޮށް "ދަބަންގް" ގެނެސްދިނީ 2010 ގަ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ކޮއްކޮ އަބިނާވް ކޭޝަޕެވެ. އަދި "ދަބަންގް" އަކީ ސޮނާކްޝީ ސިންހާ ބޮލީވުޑަށް ތައާރަފުވި ފިލްމެވެ.

އޭނަ ބަތަލާގެ ރޯލު "ދަބަންގް 2" ރިލީޒްކުރީ 2012 ގަ އެވެ. މި ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރަށް ޑައިރެކްޓް ވެސް ކުރީ އަރްބާޒެވެ. އަދި "ދަބަންގް 3" ޕްރަބޫދޭވާ ޑައިރެކްޓްކޮށް ގެނެސްދިނީ 2019 ގަ އެވެ. އެ ފިލްމުގައި ދެ ބަތަލާއިން ހިމެނެ އެވެ. އެއީ ސޮނާކްޝީގެ އިތުރުން އަލަށް ތައާރަފުކުރި ސައީ މަންޖްރޭކަރެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ދަބަންގް" ސީރީޒް ހަތަރު ވަނަ ބައި ހަދާނެކަން ކަށަވަރުކޮށް ދިން އިރު، ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަޕޫރްވާ ލާކިއާގެ "ބެޓްލް އޮފް ގަލްވާން" ގެ މަސައްކަތް ކުރަމުންނެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ސިކަންދަރު" އެވެ.