މިދިޔަ މަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި މާލޭގައި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެ ވެ.
މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ބޭއްވި 8 މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު ޖަހައި ބަންދުގައި ހަ މީހަކު ބޭތިއްބުމަށް ފަހު، ދޫކުރީ މިދިޔަ މަހުގެ 19 ގަ އެވެ. އެ މީހުންގެ ފުލުހުން ވަނީ ޖިނާއީ ކުށުގެ އަމަލުތަކެއް ހިންގިކަމަށް ތުހުމަތުކޮށްފައެވެ.
އެ ހަ މީހުންނަކީ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ، އާއި މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި ހުސައިން ޝާކިރާއި އަޒީމް އަލީ އާއި އަލީ ޖުމާންގެ އިތުރުން މުހައްމަދު ހަލަފް އިބްރާހީމެވެ.
ޕީޖީން ރޭ ބުނީ އެ މީހުންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި، 533 ވަނަ މާއްދާގެ ދަށުން ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާކުރުމަށް އެދި ފުލުހުންގެ ފަރާތުން ހުށަހެޅި ކަމަށެވެ.
ނަމަވެސް އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބެލި އިރު، ތުހުމަތު ކުރެވޭ އަމަލުތައް އެމީހުން ހިންގާފައި ވަނީ އަސާސީ ހައްގެއް ބޭނުން ކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭތީ އާއި، އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެހެންވެ އެ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެންނާތީ، މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީން ބުނީ އޮކްޓޯބަރު 3 ވަނަ ދުވަހުގެ ރޭ މުޒާހަރާއާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ތަހުގީގު ނިމުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.