ބޮލީވުޑްގެ އެކްޓަރު އަރުޖުން ކަޕޫރް މިހާރު ފިލްމީ އެއްވެސް މަސައްކަތެއް ނެތި ހުސްކޮށް ހުންނަން ޖެހިއްޖެ އެވެ.
އޭނަ އެންމެ ފަހުން މަސައްކަތް ފަށަން އޮތް ފިލްމަކީ ބައްޕަ، ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަނީޒް ބަޒްމީ ޑައިރެކްޓް ކުރަން ހަމަޖެހިފައި އޮތް 2005 ގެ "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" އެވެ. އޭގެ ޝޫޓިން މި އަހަރުގެ ނިމުމުގެ ކުރިން ފަށަން ކުރިން ޕްލޭންކުރި ނަމަވެސް އޭގެ ލީޑް ކާސްޓަށް ނެގި އެކްޓަރުންގެ ތެރެއިން ދިލްޖީތު ދޮސަންޖް އަމިއްލަ ސަބަބުތަކަކާ ހެދި ފިލްމު ދޫކޮށްލުމާ ގުޅިގެން ކާސްޓުން މިހާރު އޮތީ ހަމައަކަށް ނޭޅި އެވެ.
"ނޯ އެންޓްރީ މޭ އެންޓްރީ" ގައި ބަތަލުގެ ރޯލަށް ނެގި އެކްޓަރުންގެ ތެރޭގައި ދެން ހިމެނެނީ ވަރޫން ދަވަނެވެ. ގިނަ ބަތަލާއިންތަކެއް ވެސް ކާސްޓަށް ނަގަން ޖެހޭ މި ފިލްމަށް މިހާތަނަށް އެއްވެސް ބަތަލާ އެކު ފައިނަލްކޮށްފައެއް ނުވެ އެވެ.
އެހެންވެ "ނޯ އެންޓްރީ މޭ އެންޓްރީ" ވާނުވާ އަށް ގޮސް، ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު އަނީސް މިހާރު އަންނަނީ އަކްޝޭ ކުމާރާ އެކު ފިލްމެއް ހަދަން ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނަ ޑަބަލް ރޯލެއް ކުޅޭނެ އަދި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ނަމަކީ "ރާމް އޯރް ޝާމް" އެވެ.
"ނޯ އެންޓްރީ މޭ އެންޓްރީ" ގެ މަސައްކަތް ސުވާލުމާކެއްގެ ތެރެއަށް ގޮސްފައިވާ އިރު، އަރުޖުންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި "މޭރޭ ހަޒްބަންޑް ކީ ބީވީ" އެވެ.
"ނޯ އެންޓްރީ މޭ އެންޓްރީ" ފިޔަވައި އޭނަގެ އަތުގައި އިތުރު އެއްވެސް ފިލްމެއް ނެތް އިރު، އަދި އާ އެއްވެސް ޕްރޮޖެކްްޓަކުން ފުރުސަތެއް ވެސް ނުލިބެ އެވެ. ދެހާސް ބާރައިގެ "އިޝަގްޒާދޭ" އިން ތައާރަފުވި އަރުޖުންގެ ކެރިއަރަށް ބަލާ އިރު، މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނެތެވެ.
އޭނަގެ އެކްޓިން އަށް ގިނަ ބަޔަކު އާންމުކޮށް ހަޖޫ ވެސް ޖަހާ އިރު، ގިނަ ބަޔަކު ބުނާ ގޮތުން އަރުޖުން އަށް އެކްޓަރަކަށްވެވުނީ އަދި ކިރިޔާ ވެސް ފުރުސަތެއް ލިބެނީ ފިލްމީ އާއިލާއަކަށް ނިސްބަތްވާތީ އެވެ. އަރުޖުން އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރަށް ބޮޑުބޭބެ ކިޔާ އެކްޓަރަކެވެ.
އެ އާއިލާގެ މިހާރުގެ ފިލްމީ ތަރިންގެ ތެރޭގައި އަނިލްގެ ދަރިފުޅު ސޯނަމް ކަޕޫރާއި އަރުޖުންއާ އެއްބަފާ ޖާންވީ އާއި ހުޝީ ކަޕޫރްގެ އިތުރުން ބޮޑުބޭބެ ސަންޖޭ ކަޕޫރްގެ ދަރިފުޅު ޝަނާޔާ ކަޕޫރް ހިމެނެ އެވެ.
ފިލްމީ މަސައްކަތެއް ނެތި އަރުޖުން، 40، ހުސްކޮށް ހުރި އިރު، އޭނަ އެންމެ ފަހުން ރައްޓެހިވެގެން އުޅުނު މަލައިކާ އަރޯރާ، 52، އޮތް ގުޅުން ވެސް އޮތީ ނިމުމަކަށް އައިސްފައިވެ އެވެ. އުމުރުން މިހާރު 23 އަހަރުގެ ފިރިހެން ދަރިޔަކު ވެސް ހުރި މަލައިކާ އަކީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ.