Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އަބްދުއްރަހުމާން މަރާލި މީހުންނަށް މަރުގެ ދައުވާ

އާޝިދު، ފާރިސް އަދި ވިސާމް.

ޖުލައި މަހުގެ ތެރޭގައި އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް މަރުގެ ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ ތިން މީހުންނަކީ މާޅޮހި، ފިޔަ، އަހުމަދު އާޝިދު، 27، އާއި އެ ރަށު، ލިލީފެހި، މުހައްމަދު ވިޝާމް، 22، ގެ އިތުރުތުން އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް، 27، އެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން މަރާލީ އޭނަ ނިދާފައި އޮއްވައި ބޮލުގައި އެއްޗަކުން ޖަހައި ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރެ އެވެ. އޭނަ މަރާލާފައި އޮއްވައި ފެނުނީ އެރޭ ދަންވަރު 1:15 އެހާކަންހާއިރު އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ތިން މީހުންގެ މައްޗަށް ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވީ އިއްޔެ ކަމަށެވެ.

ޕީޖީ އޮފީހުން އާޝިދުގެ މައްޗަށް ކުރަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. ވިސާމާއި ފާރިޝްގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިކަމުގެ ކުށުގެ ދައުވާ އެވެ.

އަބްދުއްރަހްމާންގެ މަރާ ގުޅިގެން ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހަދާފައިވެ އެވެ. އަދި ހަށިގަނޑު ވަޅުލީ ޖުލައި 24 ގަ އެވެ.