އަައްޑޫ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރާ ގޮތަށް ގޫގުލް އިން ކުރިއަށް ގެންދަން ނިންމި އިންވެސްޓްމަންޓަކީ ރާއްޖޭގެ ކުރިއެރުމަށް ލިބުނު ވަރަށް ފަހި ފުރުސަތެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އޭނަ މިކަން ސިފަކުރެއްވީ "ގޭމް ޗޭންޖާއެއް" ގެ ގޮތުގަ އެވެ.
ސައީދު ވިދާޅުވީ ގޫގުލްއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ބްރޭންޑް ކަމަށާ އެ ބްރޭންޑްގެ އިންވެސްޓްމަންޓެއް ރާއްޖެއަށް އައުމަކީ ހުރިހާ ދިވެހީން ފަޚުރުވެރި ވާން ޖެހޭ ކަމެއް ކަމަށެވެ. އޭނަ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފަދަ ވެރިންނަކީ ގައުމުތަކަށް ވަޑައިގެން އިންވެސްޓްމަންޓްތައް ގެނައުމަށް މަސައްކަތް ކުރައްވާ ލީޑަރުން ކަމަށެވެ.
ގޫގުލް ރާއްޖެ އައުމަކީ ވެސް އެފަދަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.
"ގޫގަުލްއަށް ރާއްޖެއާ މެދު ޓްރަސްކުރެވިގެން ދިވެހިރާ އްޖޭގެ އިންވެސްޓަމްންޓް ރެޖީމްއާ ދޭތެރޭ އިތުބާރުކޮށްގެން މިއައީ އިއްޔެ ދެއްތޯ. އެއީ ކީއްވެތޯ،" ސައީދު ވިދާޅުވި އެވެ. "އެއީ އެފަދަ ކުންފުނިތަކުން މިއަދު ޤަބޫލުކުރޭ ރާއްޖެ މި ދަނީ ރަނގަޅު މިސްރާބަކަށްކަން."
ގޫގުލްގެ އިންވެސްޓްމަންޓާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީ ދެއްކެވި ވާހަކަތަކަށް ވެސް ސައީދު ރައްދު ދެއްވާފައިވެ އެވެ. ފައްޔާޒް ރޭ ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ އެ މަޝްރޫއާ އެކު ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ފައިދާއެއް ގެއްލިގެން ދާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ގޫގުލް އިން މި މަޝްރޫއު ހިންގުމަށް މިދިޔަ ސަރުކާރަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް އޭރު އެކަމަށް އެއްބަސް ނުވީ ކުރީ ސަރުކާރުން ރާއްޖެ އަކީ ސަބްމެރިން ކޭބަލް އަދި އައިސީޓީ ހަބަކަށް ހެދުމަށް ގެންގުޅުނު ސިޔާސަތަށް މި މަޝްރޫއުން ހުރަސް އެޅޭތީ ކަމަށެވެ.
"މިހާރު ހަމަ އެ މަޝްރޫއު ކުރިއަށް މިގެންދަނީ ތަފުސީލެއް ހާމަކުރުމެއް ނެތި. މި މަޝްރޫއު އަކީ ރާއްޖެއަށް މި ދާއިރާއިން ލިބެން އޮތް ވާދަވެރި ފައިދާ އާއި މުސްތަގުބަލުގައި ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ސިނާއަތަށް އޮތް ރިސްކެއް." އޭނަ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މަޝްރޫއުގެ ދަށުން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ބޭރުގެ ބަޔަކަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލި، ރާއްޖޭގެ އިގުތިސޯދު ސިންދަފާތު ކުރުމަށް ހުޅުވުނު ދޮރެއް ބަންދުވެގެން ގޮސްފައިވާ ކަމަށެވެ.
"މި މަޝްރޫއުގެ ތަފުސީލުތައް ރައްޔިތުންނަށް އެނގެން ޖެހޭ. އެއްބަސްވީ ކޮން ކަމަކަށް ކަން. ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ކޮން ބަޔަކަށް ކަން،" އޭނަ ވިދާޅުވި އެވެ. "މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަން ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ."
މި ވާހަކަތަކުގެ ރައްދުގައި ސައީދު ވިދާޅުވީ ފ. އަތޮޅުގެ 15 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ވެސް ދޮގު ވާހަކަތައް ފަތުރައި ހުއްޓުވީ އެމްޑީޕީން ކަމަށާއި އެ މީހުންނަކީ ގައުމަށް ހެވެއް އެދޭނެ ބައެއް ނޫން ކަމަށެވެ.
"މި ގައުމަށް ސިޔާސީ ގެއްލުމެއް ދީފައި ހުރިއްޔާ އެމްޑީޕީން ދޭނެ. އެއީ ވަރަށް ފަރިތަވާނެ އެކަމަށް،" ސައީދު ވިދާޅުވި އެވެ. "އެމީހުންނަކީ އެކަމުގެ އެކްސްޕާޓުން. ރާއްޖެ ކުރިއަރައިދާން އެ މީހުން ބޭނުމެއް ނުވާނެ."