ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
މިފަދަ ބިލެއް މަޖިލީހަށް ހުށަހަޅައި ބަހުސް ފެށި އިރު، މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް، ވެރިކަން ކުރާ ޕީއެންސީން މިދިޔަ އަހަރު އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، މަޖިލިސް މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަގުލަބިއްޔަތު ލިބިގެން ކަމަށެވެ.
އަދި އެ ވޯޓުން މެމްބަރުކަމުން ވަކިކުރަން އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.
ނަމަވެސް މަޖިލީހުގެ ފަސް ދައުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށްވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅަން ވެސް ޝުޖާގެ އިސްލާހު ހުށަހެޅުއްވި އެވެ.