ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން އަމިއްލަ ވަކިވިޔަސް އަދި ވަކި ކުރިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު ބަލައިގެންފި އެވެ.
ގާނޫނުއަސާސީއަށް އެ އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ. އެ އިސްލާހު ބަލައިގަންނަން 56 މެންބަރުން ވޯޓު ދެއްވި އެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް (ރައްޔިތުންގެ ފެންނަ ނުފެންނަ) ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި ބުނެފައި ވަނީ ޕާޓީއިން ވަކި ކުރާ ހާލަތްތަކުގައި ނުވަތަ އަމިއްލައަށް ވަކިވާ ހާލަތްތަކުގައި މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހު ކަމަށެވެ.
އެ މެންބަރަކު މަޖިލިސް މެންބަރެއްގެ ގޮތުގައި ދެމިހުރުމާ މެދު ގޮތެއް ކަނޑައަޅާނީ އެ ވޯޓުގެ ނަތީޖާއިން ނިންމާގޮތަކަށެވެ.
ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅީ މިިދިޔަ އަހަރު އެވެ. އެ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.