އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކޮމިޓީން ބަޖެޓް ފާސްކުރީ ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭނެ ގޮތަށް ހެދުމަށްފަހު އެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް އެކަށައަޅާފައިވަނީ ރިކަރަންޓް ހަރަދަށެވެ. މީގެ ތެރޭގައި ގިނަ ޒަމާންތަކަކަށްފަހު ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރު ކެޕިޓަލް ހަރަދަކީ 9.3 ބިލިއަން ރުފިޔާއެވެ.
އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 31.3 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 8.7 ބިލިއަން ރުފިޔާއެވެ.
ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާއެކު، 2026 ވަނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާވެ.