Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

މަދޫރީގެ އާ ސީރީޒެއް އަންނަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓްގެ އާ ސީރީޒެއް ގެނެސްދޭން ތައްޔާރުއްޖެ އެވެ.

ޖިއޯ ހޮޓްސްޓާ އިން ސްޓްރީމް ކުރަން ހަމަޖެހިފައިވާ މި ސީރީޒްގެ ނަމަކީ "މިސިޒް ދޭޝްޕާންޑޭ" އެވެ. މީގެ ޓީޒާއެއް ވެސް މިއަދު ދައްކާލާފައިވާ އިރު، މިއީ މަދޫރީގެ ވަރަށް ތަފާތު ރޯލެއް ފެންނާނެ އެެއްޗެއް ކަމަށް ބެލެވެ އެވެ.

ނަމަވެސް މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެހެންވެ "މިސިޒް ދޭޝްޕާންޑޭ" ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އިރެއް ވެސް އަދި ނޭނގެ އެވެ.

މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ މަދޫރީ، 58، މީގެ ކުރިން ވެސް ސީރީޒެއް ކުޅެފައިވެ އެވެ. އެއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2022 ގައި ނެޓްފްލިކްސް އަށް ގެނެސްދިން "ދަ ފޭމް ގޭމް" އެވެ.

މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ނަމަވެސް އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "މާ، ބެހެން" އެވެ.