Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ﷲ ދުށުމަށް އެދޭ ނަމަ މި ދެ ނަމާދަށް އިސްކަންދީ!

ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ އެންމެ ބޮޑު ނިޢުމަތަކީ އެބައިމީހުން އެންމެ ލޯބިވާ އެބައިމީހުންގެ ވެރި އިލާހު ﷲ ސުބްޙާނަހޫ ވަތަޢާލާ ދުށުމުގެ ނިޢުމަތް ލިބެމެވެ.

ސުވަރުގެވަންތަވެރިން ސުވަރުގެއަށް ވަނުމުން ﷲ ތަބާރަކަ ވަތަޢާލާ ސުވަރުގެވަންތަ ވެރިންނަށް ވަޙީ ކުރައްވާނެ އެވެ. ތިޔަބައިމީހުންނަށް އިތުރުކޮށް ދިނުމަށް ތިޔަބައިމީހުން ބޭނުންވާ ކަމެއް ވޭ ހެއްޔެވެ؟ އެބައިމީހުން ދަންނަވާނެ އެވެ. އިބަ އިލާހު އަޅަމެންގެ މޫނުތައް އުޖާލާ ނުކުރައްވަމު ހެއްޔެވެ! އަދި ސުވަރުގެ އަށް ވައްދަވާ ނަރަކައިން ސަލާމަތް ނުކުރައްވަމު ހެއްޔެވެ!

އެހާރުން ﷲ ތަޢާލާ ފަރުދާ ކަޝްފު ކުރައްވާނެ އެވެ. އެބައިމީހުންގެ ރައްބު عَزَّ وَجَلَّ ފެނުމަށް ވުރެ އެބައިމީހުންނަށް ލޮބުވެތިކަން ބޮޑުވެގެންވާ ނިޢުމަތެއް ދެއްވިގެން ނުވެއެވެ.

އެކަލާނގެ ދުށުމަށް އެދޭ މީހާ ސަމާލުކަންދޭންވީ ވަރަށް މުހިންމު ކަމެއް ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބަޔާންކޮށް ދެއްވާފައިވެ އެވެ.

އެކަލޭގެފާނު ޙަދީޘް ކުރެއްވި އެވެ.

މާނައީ: “މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައި މީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެ އެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ.

ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) ‘ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ.’” (ޙަދީޘް ރިވާކުރެއްވީ މުސްލިމް)

އަލްޚައްޠާބީ ވިދާޅުވިއެވެ. “މި ދެ ނަމާދަށް ރައްކާތެރިވާ މީހާއަށް ﷲ ފެނުމުގެ ނަޞީބު ލިބޭނެ ކަމަށް މިޙަދީޘްގެ އަލީގައި އުއްމީދު ކުރެވެއެވެ.”

މީގެ މާ ނައަކީ އެހެން ނަމާދުތަކަށް ފަރުވާތެރިވުމާއެކު މި ދެ ނަމާދަށް ޚާއްޞަ ސަމާލުކަމެއް ދިނުމެވެ. އެހެނީ މި ދެނަމާދަކީ މަލާއިކަތުންގެ ޑިއުޓީ ބަދަލުކުރައްވާ ދެ ނަމާދެވެ. އަދި ނަމާދުތަކުގެ ތެރެއިން ވަރަށް މާތް ދެ ނަމާދެވެ.

ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ. “مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ“ (ރިވާކުރެއްވީ ބުޚާރީ)

މާނައީ: “ފިނީގައިކުރާ ދެ ނަމާދު (އެބަހީ: ފަތިސް ނަމާދާއި ޢަޞުރު ނަމާދު) ކޮށްފިމީހާ ސުވަރުގެ ވަދެއްޖެ އެވެ.“

އަޅަމެންނަކީ ނަމާދުތަކަށް ފަރުވާތެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ. އަދި އަޅަމެންނަށް މާތް الله ދުށުމުގެ މަތިވެރި ނިޢުމަތް ދެއްވާށި އެވެ.

ނޯޓް: މިއީ ޝައިޚް ޢަބްދުﷲ ޙާމިދުގެ ލިޔުއްވުމެކެވެ.