Last Updated: July 6, 12:04
Monday, July 6, 2026
ޚަބަރު

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު ހުޅުވައިފި

މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު މާފަންނު، އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް، ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ މި ސެންޓަރުގެ މަސައްކަތް ނިންމައި ރަސްމީކޮށް ހަވާލުކުރުން ވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ވޭސްޓްމެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.

މި ސެންޓަރާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސާ ޢަބްދުލްރައްޒާޤް ޙަލީމް ވަނީ، ރައީސްގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަޙައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސަށް ޝުކުރުއަދާކުރައްވާފަ އެވެ.

އާބަން ޕްރައިމަރީ ހެލްތުކެއާ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށެވެ.

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓާކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ.

މީގެއިތުރުން ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.