Last Updated: July 6, 13:22
Monday, July 6, 2026
ޚަބަރު

ދުންފަތް ކޮންޓްރޯލް ކުރަން ކުރާ މަސައްކަތަށް އެވޯޑެއް

ދުންފަތް ކޮންޓްރޯލް ކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލްކުރުމަށް ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖެއަށް އެވޯޑެއް ލިބިއްޖެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ޤައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި، އެ ސިޔާސަތުތަށް ތަންފީޒުކުރާގޮތް ދިރާސާކުރާ، ބައިނަލްއަޤްވާމީ ޖަމިއްޔާއެއް ކަމަށްވާ "ގްލޯބަލް ސެންޓާ ފޯ ގުޑް ގަވަނަންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެއަށް ދިނީ އެ ޖަމްޢިއްޔާއިން ދެމުން އަންނަ "އިންޓެގްރިޓީ އެވޯޑް"އެވެ.

އިންޓެގްރިޓީ އެވޯޑް ރާއްޖެއަށް ހަވާލުކޮށްފައިވަނީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑް ގެ ޖެނީވާގައި ކުރިއަށްދާ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބާކޯ ކޮންޓްރޯލް، (އެފްސީޓީސީ)" ގެ ގަވަނަންސް ބައްދަލުވުން ކަމުގައިވާ، "ކޮންފަރެންސް އޮފް ދަ ޕާރޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ. ރާއްޖެއަކީ އެފްސީޓީސީ ގެ މެންބަރު ޤައުމެކެވެ.

ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދު އެވެ.

ރާއްޖެއަށް މި އެވޯޑް ދިނުމުގައި އެ ޖަމިއްޔާއިން ރިޢާޔަތްކުރި ކަންކަމުގެ ތެރޭގައި، އެ ޖަމިއްޔާއިން ކޮންމެ ދެ އަހަރަކުން، އެއް ފަހަރު އެ ޖަމިއްޔާއިން ޝާޢިޢުކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބިފައިވާ ސްކޯ ހިމެނެ އެވެ. މި އިންޑެކްސްގައި، ދުންފަތް ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިޚްލާޞްތެރި އަދި ދުންފަތުގެ ސިނާޢަތުގެ ނުފޫޒުން ސަލާމަތްވެފައިވާ ސިޔާޔަތުތަކެއްކަން ކަށަވަރުކުރުމަށް އެ ޖަމިއްޔާއިން ކުރާ ދިރާސާތަކުގެ ނަތީޖާ ވެސް ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މި އެވޯޑުން ހާމަވެގެންދަނީ، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ މޭސްތިރިކަމުގައި، ދިވެހި ރައްޔިތުން ދުންފަތުން ރައްކާތެރި ކުރުމަށާ ދިވެހިންގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ސިޔާސަތުތަކަކީ، ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ނަމޫނާ ސިޔާސަތުތަކެއް ކަމަށެވެ.