Last Updated: July 6, 13:22
Monday, July 6, 2026
ޚަބަރު

ރައީސްގެ ނުފޫޒެއް މަޖިލީހަކަށް ނެތް: އަބްދުލްރަހީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން "ސަންގުޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި އަބްދުލްރަހީމް ވިދާޅުވީ މަޖިލިސް ހިންގާ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި ވަކި ބިލެއް ވަކި ގޮތަކަށް ނިންމަން ރައީސް ވިދާޅުނުވާ ކަމަށާއި ނަމަވެސް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަޖިލީހުގައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރަން ރައީސަށް ދެންނެވޭނެ ކަމަށެވެ.

"އޭގެ މާނައަކީ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވަނީއެއް ނޫން. ރައީސުލްޖުމްހޫރިއްޔާ ވިދާޅެއް ނުވޭ މިއަދު މަޖިލީހުގައި އޮންނަން ވާނީ މިވެނި ކަމެކޭ. މިއަދު ދައްކަން ވާނީ އެވެނި ވާހަކައެކޭ. މިއަދު ނިންމަން ވާނީ އެވެނި ބިލެކޭ. ނޫނީ މި ބިލު މާދަމާ އިރުއޮއްސުމުގެ ކުރިން ނިންމަން ވާނެއޭ، އެހެނެއް ވިދާޅެއް ނުވޭ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އަބްދުލްރަހީމް ވިދާޅުވީ ސަރުކާރު ހިންގުމަށް ފަސޭހަކޮށްދިނުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށާއި އަދި ކަންކަން އަވަސްކޮށްދޭން ރައީސް ވިދާޅުވުމަކީ އެއްގޮތަކަށް ވެސް ނުފޫޒު ފޯރުވުން ނޫން ކަމަށެވެ. އަދި ވެރިކަން ދިނުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން ދެނީ ސަރުކާރު ހިންގުން ހަލުވިކުރަން ކަމަށާއި އެކަން ކުރުމުގައި މަޖިލީހުގެ މެމްބަރުން ފަހަތަށް ނުޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.