Last Updated: July 6, 13:22
Monday, July 6, 2026
ޚަބަރު

ޕީއެންސީގެ ބައެއް މަޖިލިސް މެމްބަރުންނަކީ ޑްރަގު ޑީލަރުން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ސަރުކާރު ހިންގާ ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ޑްރަގު ޑީލަރުން އެބަތިބި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލައާ ގުޅޭގޮތުން ރޭ "އެސްއެސްޓީވީ"ގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ ޑްރަގު ވިއްކާ މީހުންނާ އޮންނަ ގުޅުން ސިޔާސީ ޕާޓީތަކާއި ސިޔާސީ މީހުން ކަނޑާލައިގެން ކަމަށާއި ހަމައެކަނި ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ބަލާލާއިރު ވެސް ޑްރަގު ޑީލަރުން އެބަތިބި ކަމަށެވެ.

"ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ވަދެ ޓައި އަޅައިގެން، ހުދު ގަމީސް ތުރުކުރައްވައިގެން ތިއްބެވީ ކިތައް ޑްރަގު ޑީލަރުންތޯ؟ އެމީހުންގެ ރެކޯޑު ނެތީތޯ ފުލުހުންގެ އަތުގައި؟ ޕީއެންސީގެ ލީޑަޝިޕަށް ނޭގެނީތޯ މިއީ ޑްރަގު ޑީލަރުންކަން އެމީހުންނަށް ޓިކެޓު ދިން އިރުގައި،" އުމަރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވާހަކަދައްކަން ޕީއެންސީ ލަދުގަންނަންޖެހޭނެ ކަމަށާއި އަދި މިހާރު މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަކީ ބޭރުފުށަށް ދައްކަން ކުރާ ކަންތައްތަކެއް ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެފަދަ އޮޕަރޭޝަންތަކުގެ ނަތީޖާ ދާނީ ތާކުންތާކު ނުޖެހި ކަމަށާއި ބޮޑެތި ޑްރަގު ޑީލަރުން ތިބެނީ ސިޔާސީ މީހުންނާއި ގުޅިފައި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ހަގީގަތުގައި މިކަމުގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި މިކަމުގެ ހަގީގީ ކުށްވެރިންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އޭގެއިން ވިޔަފާރިކުރާ މީހުން ކަމަށް އުމަރު ވިދާޅުވި އެވެ. އެފަދަ މީހުން ތިބީ ސިޔާސީ ޕާޓީތަކާއި މަޖިލިސް ތެރެއަށް ވަދެ ހުދު ގަމީސް ލައިގެން ކަމަށާއި މުޅި ރާއްޖޭގައި އޮތީ ޑްރަގު ކެފޭތައް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.