ޓެކްހަށް މަކަރު ހަދާ މީހުން އަތުލައިގަންނަން ޓެކްސް އޮފިސަރަކާއި އޭނަގެ ޓީމުން ކުރާ ހިތްވަރު ގަދަ މަސައްކަތްތަކެއް ދައްކުވައި ދެމުން އަންނަ އަޖޭ ދޭވްގަންގެ "ރެއިޑް" ގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.
ރާޖްކުމާރު ގުޕްތާ ޑައިރެކްޓްކޮށް މީގެ ފުރަތަމަ ބައި ގެނެސްދިނީ 2018 ގަ އެވެ. އަދި ދެވަނަ ބައި ގެނެސްދިނީ މި އަހަރު އެވެ. "ރެއިޑް" އާއި "ރެއިޑް 2" އަކީ ވަރަށް ކާމިޔާބު ދެ ފިލްމެވެ.
އެ ދެ ފިލްމުގެ ކާމިޔާބީ އަށް ފަހު "ރެއިޑް 3" ތައްޔާރުވަމުން އަންނަ އިރު، ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. އެ ނޫހުން ބުނި ގޮތުގައި ތިން ވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ޑައިރެކްޓަރާއި އޭނަގެ ސްކްރީން ރައިޓަރުންގެ ޓީމުން ކުރިއަށް ގެންދާތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
އެގޮތުން "ރެއިޑް 3" ވާނީ ކުރީގެ ދެ ބަޔަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ އަދި ޝައުގުވެރި ފިލްްމަކަށް ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މި އަހަރުގެ މެއި 1 ގައި ސިނަމާތަކަށް ގެނައި "ރެއިޑް 2" އަކީ ބޮކްސް އޮފީހުގައި 243.06 ކްރޯޑް ރުޕީސް (27.4 މިލިއަން ޑޮލަރު) ގެ އާމްދަނީއެެއް ހޯދި ފިލްމެކެގެ. މި ފިލްމު ހެދީ 120 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.
އަޖޭގެ އެންމެ ފަހުހެ ފިލްމަކީ މި މަހުގެ 14 ގައި ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ 2" އެވެ. މިއީ 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގެ ސީކްއެލް އެވެ.