ގޫގުލް އިން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންވެސްޓްމަންޓަށް 15،000 އަކަމީޓަރުގެ ބިމެއް ހަމަޖައްސައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެ ބިމަކީ ހިތަދޫ ހިއްކި ބިމުން ހައުސިން މިނިސްޓްރީ އަށް ހަމަމަޖައްސައި ރަޖިސްޓްރީކޮށްފައިވާ ބިމެކެވެ. އަދި ފަހުން ސަރުކާރުން އެ ބިން އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށް ދޭން އެދިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެކަމަކު އެއީ ކީއްވެގެން ކޮން ބޭނުމެއްގައި ކަމެއް ކައުންސިލާ ސަރުކާރުން މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބިން ބަދަލު ކުރަން ބޭނުންވީ ގޫގުލް އިން ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ނިންމާފައިވާތީ އެ ބޭނުމަށްކަން އެނގިފައިވާ ކައުންސިލުން ބުންޏެވެ.
އެހެންވެ އެ މައްސަލަ ކައުންސިލްގެ ޓްރާންސްޕޯޓް ކޮމިޓީ އަށް ހުށަހަޅައި، ބިން ދޫކުރަން ނިންމާފައިވެ އެވެ. އެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ އެ ކޮމިޓީގެ މުގައްރިރު ހިތަދޫ ކޮރަވަލު ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝިނާޒެވެ. އެގޮތުން ގޫގުލްގެ ޕްރޮޖެކްޓަށް ދޭ ބިމުން، ލިބޭ އާމްދަނީ ކައުންސިލަށް ސަރުކާރުން ދޭ ގޮތަށް ކޮމިޓީގައި މަޝްވަރާކޮށް، ކޮމިޓީގެ މެންބަރުންގެ އިއްފާގުން އެގޮތަށް ފާސް ވެސް ކޮށްފައިވެ އެވެ.
އެހެންވެ އެ މައްސަލަ އިއްޔެ ވަނީ ކައުންސިލްގެ 100 ވަނަ ރަސްމީ ޖަލްސާ އަށް ހުށަހަޅައިފަ އެވެ. އެގޮތުން ޝިނާޒް ވަނީ ކޮމިޓީން ފާސްކުރި ގޮތަށް ޖަލްސާ އިން ނިންމުން ފާސްކޮށް ދޭން އެދިވަޑައިގެންފަ އެވެ. އަދި އެ ނިންމުނަށް ހިތަދޫ މާމެންދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު އަދާލާ އާއި މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ތާއީދު ވެސް ކުރެއްވި އެވެ.
އަދާލާ ވަނީ ގޫގުލްގެ ޕްރޮޖެކްޓަކީ އަައްޑު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާތީ މިކަމުގައި ކައުންސިލަށް ދެވެން އޮތް ހުރިހާ އެހީތެރި ކަމެއް ދިނުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަ ކުރައްވައިފަ އެވެ.
އިއްޔެގެ ޖަލްސާގައި ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރު ފާހަގަކުރެއްވި ގޮތުގައި ގޫގުލް އަށް ދޫކުރާ 15،000 އަކަމީޓަރުގެ ބިމަކީ ގާތްގަނޑަކަށް މަހެއްގެ މައްޗަށް 1.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ބިމެއް ކަމަށެވެ. އެހެންވެ ފައިސާ ލިބެން ޖެހެނީ އަައްޑޫގެ ތަރައްގީ އަށް ކައުންސިލަށް ކަމަށް ކަށަވަރުވާން ޖެހޭ ކަމަށް އޭނަ ވިދާޅުވި އެވެ.
ކައުންސިލްގެ އިއްޔެގެ ޖަލްސާގައި ވަނީ ގޫގުލް އަށް ދޫކުރާ 15،000 އަކަމީޓަރުގެ ބިމުން ލިބޭ އާމްދަނީ ކައުންސިލަށް ދޭ ގޮތަށް ބިން ދޫކުރަން ފާސްކޮށްފަ އެވެ.
ގޫގުލްގެ މި މަޝްރޫއަކީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށްވާ އުރީދު އާއި ދިރާގާ ވެސް ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެފައިވާ ގޮތުގައި ގޫގުލްގެ ޕްރޮޖެކްޓާ އެކު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.