Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

'ލިލީ' މިރޭ އޮލިމްޕަހަށް

މި އަހަރު އެންމެ ތަފާތުކޮށް، އެންމެ ބޮޑަށް ޕްރޮމޯޓްކުރި ފިލްމު "ލިލީ" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

ކުލަގަދަ ރެޑް ކާޕެޓް އިވެންޓަކާ އެކު މި ފިލްމު މިރޭ ބެލުންތެރިންނަށް ދޫކޮށްލާ އިރު، މިއީ މި އަހަރު އޮލިމްޕަހުގައި އަޅުވާ 8 ވަނަ ފިލްމެވެ. އެތަނުގައި އެންމެ ފަހުން ދެއްކީ ރޭ ޝޯތައް ނިންމައިލި ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އެވެ.

"ލިލީ" އަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފިލްމެވެ. އޭނަގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ "މީ އިޝްގް" އެވެ.

ކްރިއޭޓިވް ނެޓްވޯލްގެ ފުރަތަމަ ފީޗާ، "ލިލީ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ ލީޑް ކާސްޓުންގެ ތެރޭގައި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާންގެ އިތުރުން އައިޝަތު ޝިމާ ހިމެނެ އެވެ. "ލިލީ" އިން ތަޖުރިބާކާރު ފަންނާނުންތަކެއް ވެސް ފެންނާނެ އެވެ.

އޭގެ ތެރޭގައި އަހުމަދު ނިމާލާއި މަރިޔަމް ހަލިމާއި އޭނަގެ ފިރިމީހާ އަލީ ފާރޫގް ހިމެނެ އެވެ.

"ލިލީ" މިރޭ 1 އޮލިމްޕަހުގައި އަޅުވާ އިރު، ވަރަށް ގިނަ ރަށްރަށުގައި ވެސް މި ފިލްމު ދައްކަން ހަމަޖެހިފައިވެ އެވެ.