ދެހާސް އަށެއްގައި ދިވެހިރާއްޖެ އިން ފާހަގަކުރީ ތާރީޚީ ވަގުތުކޮޮޅެކެވެ. ތިރީސް އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ރައްޔިތުންގެ ވޯޓުގެ ބާރުން ވައްޓާލުމަށް ފަހު ޑިމޮކްރެޓިކް އިންތިޚާބަކުން ފުރަތަމަ ސަރުކާރު އުފަން ކުރުވި އެވެ. އެއީ އުފާވެރިކަމުން މުޅި ރާއްޖެ ހެއްވާލި ތާރީޚީ ވަގުތުކޮޅެކެވެ. މިނިވަންކަމާއި ޖަވާބުދާރީވުމާއި ހެޔޮވެރިކަމުގެ ވައުދު ފުރަތަމަ ފަހަރަށް ދިވެހިންނަށް އިހުސާސް ކުރެވުނެވެ.
ނަމަވެސް، އެ ވައުދު ވެގެންދިޔައީ ކުރު މުއްދަތެއްގެ ވައުދަކަށެވެ. ދިވެހިން ޑިމޮކްރެޓިކް ސަރުކާރެއް އިންތިޚާބު ކުރި ނަމަވެސް، ޤައުމުގެ ސިވިލް ސާވިސްއާއި، ޝަރުޢީ ދާއިރާ އާއި ފުލުހުންނާއި ސަލާމަތީ މުއައްސަސާތަކުގެ މައްޗަށް ވެރިކަން ކުރަމުން ދިޔައީ ކުރީގެ ހުދުމުހުތާރު ވެރިކަމަށް ވަފާތެރިންނެވެ.
މުޖުތަމަޢުގައި ފުންކޮށް ބިންވަޅު ނެގިފައިވާ މި ނުފޫޒުގެ ނެޓްވޯކްތަކުން އިސްލާހުތަކާ ދެކޮޅު ހަދައި، ޑިމޮކްރެޓިކް ކުރިއެރުމަށް ދިޔައީ ބުރޫއަރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ބަޣާވާތެއް ކުރެވި އެ މަނިކުފާނު ވެރިކަމުން ދުރުކުރެވި، ޑިމޮކްރަސީއަށްޓަކައި ދިގު އަދި ވޭންދެނިވި މަސައްކަތެއް އަލުން ފަށަންޖެ ހުނެވެ.
އޭގެ ފަހުން މިއަދާ ހަމައަށް ވެސް ރާއްޖެއަށް އަންނަނީ އިންތިހާއަށް އެކިއެކި ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. ދުވަހަކުން ދުވަހަކަށް ޑިމޮކްރެޓިކް އަގުތައް ދަށަށް ގޮސް، ބިރުވެރި މިންވަރަކަށް މުޅި މުޖުތަމަޢުގައި ކޮރަޕްޝަނާއި ފަސާދަ މިވަނީ ފެތުރިފަ އެވެ. މާޔޫސްވެފައިވާ ރައްޔިތުން މަގުމައްޗަށް ނުކުމެ، އިންސާފު ގާއިމުކޮށް ދިނުމަށާއި ހާމަކަން ބޮޑު ގޮތެއްގައި، ޖަވާބުދާރީވުމަށް ތަކުރާރުކޮށް ދަނީ އެދި ގޮވަމުންނެވެ.
ސަރުކާރުތައް ބަދަލުވެ، ރައީސުން އައިސް ގޮސްފައިވީ ނަމަވެސް، ހެޔޮވެރިކަމުގެ އަސާސްގައި އަދިވެސް ބިންވަޅު ނެގިފައެއް ނުވެ އެވެ. ޑިމޮކްރަސީއާ ދިމާލަށް ގައުމުން ފުރަތަމަ ފިޔަވަޅު އެޅިތާ ގާތްގަނޑަކަށް 20 އަހަރުވެގެން ދިޔައިރު، ދިވެހިރާއްޖެ އަނެއްކާ ވެސް މި ވަނީ ނުރައްކާތެރި ހަތަރު އަނގޮޅިއެއް ގައެވެ. މީގެ ދެ އަހަރު ކުރިން އިންތިހާބުވި ސަރުކާރު ވެރިކަމަށް އައީ އިސްލާހީ ހެޔޮ ބަދަލާއެކު ތަރައްގީގެ ގިނަ ވައުދުތަކެއް ވެގެންނެވެ. އެހެން ނަމަވެސް، މި ސަރުކާރުވެގެން މި ދަނީ ޑިމޮކްރެޓިކް ބަދަލު ގެންނަން ފެށުނު ފަހުން ރާއްޖެ އަށް އައި އެންމެ ނުބައި ވެރިކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ގައުމު ހިންގަމުންނެވެ. އޭނަ ވަނީ ދައުލަތުގެ މުހިންމު ހުރިހާ މުއައްސަސާތަކެއް ކަމަށްވާ ޕާލަމެންޓް (މަޖްލިސް) އާއި، ޝަރުއީ ދާއިރާ އާއި، މިނިވަން މުޢައްސަސާތަކުގެ މައްޗަށް ކޮންޓްރޯލް ވަރުގަދަކޮށްފަ އެވެ. މަޖްލިސް ހިންގަނީ ހަމައެކަނި ރައީސްގެ އެދުންތަކުގައި ސިލުޖަހައިދޭ ރަބަރު ސްޓޭމްޕެއްގެ ގޮތުގައެވެ. ޤައުމީ ބަޖެޓްތައް ފާސް ކުރަނީ އެކަށީގެންވާ ބަހުސެއް ނުވަތަ ޖަވާބުދާރީވުމެއް ނެތި، އާންމުންނަށް ވުރެ ވެރިކަމުގައި ތިބި މީހުންގެ މަސްލަހަތަށް ޚިދުމަތް ކުރުމަށެވެ.
މިނިވަން މުއައްސަސާތައް ބަލިކަށިވެ، އެއް ޒަމާނެއްގައި ޑިމޮކްރަސީގެ ފަޚުރުވެރި އަޑުކަމުގައިވި މިނިވަން މީޑިއާގެ އަޑު ގާނޫނުތަކާއި ދައުލަތުގެ ކޮންޓްރޯލްގެ ތެރެއިން ދަނީ ހިމޭން ކުރަމުންނެވެ. ދައުލަތުގެ އާންމު ފައިސާ ބޭނުންކޮށްގެން ސަރުކާރުން ދަނީ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތައް މެނިޕިއުލޭޓްކޮށް އެމީހުންގެ ވަފާތެރިކަން ކަށަވަރު ކުރަމުންނެވެ. މުޅި ގައުމު މިދަނީ ކޮރަޕްޝަނާއި ފަސާދައިގެ ޖަންގައްޔަކަށް ބަދަލުވަމުންނެވެ.
ރައީސް މުއިއްޒު ވެރިކަން ކުރައްވަނީ ހަމައެކަނި ވެރިކަމަށްޓަކަ އެވެ. އެއީ އެއްގޮތަކަށް ވެސް ގައުމާއި ރައްޔިތުންނަށްޓަކައި ކުރައްވާ ވެރިކަމެއް ނޫނެވެ. އެ މަނިކުފާނުގެ ވެރިކަމަކީ އެއް ޒަމާނެއްގައި އެއިން ސަލާމަތްވުމަށް ދިވެހިން ހަނގުރާމަކުރި ނުރައްކާތެރި ޚުދުމުޚުތާރު ވިސްނުމަށް އެނބުރި ދިއުން ތަމްސީލުކުރާ ކަމެކެވެ.
މިއަދު ދިވެހިރާއްޖެ މިއޮތީ އަނެއްކާވެ ސް ބިރުވެރިކަމެއްގެ ތެރޭގައެވެ. ދެހާސް އަށެއްގައި ޤައުމަށް އިންސްޕަޔަކޮށް ދިން ޑިމޮކްރަސީގެ ހުވަފެން ދަނީ ބާރަށް ފަނޑުވަމުންނެވެ. އެހެންކަމުން މިއީ ގައުމަށް މުހިންމު ހިނދުކޮޅެކެވެ. ޑިމޮކްރެޓިކް އުސޫލުތައް ދިފާއު ކުރުމަށް ރައްޔިތުންނާއި މުއައްސަސާތަކާއި ލީޑަރުން އެއްބައިވަންތަ ނުވެއްޖެ ނަމަ، ހުދުމުހުތާރު ވެރިކަމުގެ ތެރެއަށް ގައުމު އަނބުރައި ވެއްޓުމުގެ ނުރައްކާ މިވަނީ ނިހާޔަތައް ބޮޑުވެފަ އެވެ.
މި ފަހަރު، އެ ހަޑި ހުތުރު ޢަމަލު މި ހިންގަނީ ރައްޔިތުން އިންތިޚާބުކޮށްފައިވާ ސަރުކާރަކުންނެވެ.