Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

އަހާންގެ ދެވަނަ ފިލްމުގެ ވިލަންއަކަށް ޒުވާން އެކްޓަރެއް

އަހާން އަދި އާއިޝްވަރީ.

މި އަހަރު ރިލީޒްކުރި "ސައްޔާރާ" އިން ވިދި އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ވިލަންގެ ރޯލަށް ޒުވާން އާ އެކްޓަރަކު ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ރޮމޭންޓިކް އެކްޝަން ތުރިލާގެ މައި ވިލަންއަކަށް ސޮއިކުރީ އާއިޝްވަރީ ތާކްރީ ކަމަށެވެ. އޭނަ އަކީ މިދިޔަ ސެޕްޓެމްބަރުގައި ރިލީޒްކުރި ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ކްރައިމް ޑްރާމާ "ނިޝާންޗީ" އިން ތައާރަފުވި އެކްޓަރެވެ

އެ ފިލްމުގައި އާއިޝްވަރީ ކުޅުނީ ޑަބަލް ރޯލެކެވެ.

މީޑިއާތަކުން ބުނީ އަލީގެ ފިލްމުގެ ވިލަންއަކަށް 28 އަހަރުގެ އެކްޓަރު ސޮއިކުރި އިރު، މި ފިލްމުގައި އަހާން އާއި އާއިޝްވަރީގެ ވަރުގަދަ ކުރިމަތިލުންތަކެއް ހިމެނޭނެ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގައި ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނނަ މި ފިލްމުގެ ގްރޭ ރޯލަކަށް ބޮބީ ޑިއޯލް ވެސް ސޮއިކޮށްފައިވާ ކަމަށް ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ނަން އަދި ސާފު ނުވާ މި ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ވާގް އެވެ.

އަލީ އަކީ ވައިއާރްއެފްގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ގެ ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.