Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ސައުދީން އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި

ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް 25،500 މުސްޙަފް ހަދިޔާކޮށްފި އެވެ.

މުސްޙަފްތައް ރަސްމީކޮށް ހަވާލުކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލް ޤަޙްޠާނީ އާއި ސަޢުދީ އެމްބަސީގެ އިސްވެރިންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއާއި ދެމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި، ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މިއަދު ހަދިޔާކުރެއްވި މުސްޙަފްތަކުގައި ބޮޑެތި މުސްޙަފްވެސް ހިމެނެ އެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފަ އެވެ.