Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

މާލޭގައި ބިނާކުރާ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި

މާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ވަޤްފު ޢިމާރާތް 'ދާރުލްއަރްޤަމް'ގެ ބިންގާ މިއަދު އަޅައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައި 12 ބުރިއަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. މި އިމާރާތުގެ ބޭސްމެންޓާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ފްލޯގައި ރިސެޕްޝަނެއް ހުންނާނެއެވެ.

މީގެ އިތުރުން އިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު އެއް ވަނަ ބުރިން 12 ވަނަ ބުރިއަށް ޒަމާނީ އޮފީސް ބައިތަކާއި، މީޓިންގ ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރި ހުންނާނެއެއެވެ. މި ރޫފްޓޮޕަކީ އޯޕަން ޓެރަސްއެއް ގޮތުގައި ޤާއިމްކުރާ ބައެކެވެ.

އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން 540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 39،462،545.08 ރުފިޔާއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފަންޑު ކުރާ މަޝްރޫޢުއެކެވެ.