Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ފަލަސްތީނު ފުޓުބޯޅަ އިދާރާއަށް 300،000ރ. ހަދިޔާކޮށްފި

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވާދަކުރި އެކުވެރިކަމުގެ މެޗަށް ހާއްސަކޮށް ވިއްކި ސްވެނިއާ ޓިކެޓުން ލިބުނު 300،000ރ. ފަލަސްތީނުގެ ޓީމާ ހަވާލުކޮށްފި އެވެ.

އެކުވެރިކަމުގެ މެޗުގައި ފަލަސްތީނާއި ރާއްޖެ ވާދަކުރި ދެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު 19،455.25 ޑޮލަރު ނުވަތަ 300،000ރ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާކުރީ، މިއަދު އެ ޓީމް ރާއްޖެއިން ފުރުމުގެ ކުރިންނެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު އެކުވެރިކަމުގެ ދެ މެޗެއް ކުޅުނުއިރު، މިއިން ކޮންމެ މެޗެއްގައި ވެސް ވިއްކާފައި ވަނީ ސްވެނިއާ ޕްލެޓިނަމް 50 ޓިކެޓާއި، ސްވެނިއާ ގޯލްޑްގެ 200 ޓިކެޓެވެ.

އެފްއޭއެމުން ބުނީ މިއީ ފަލަސްތީނުގައި ފުޓްބޯޅަ އަލުން އާރާސްތުކުރުމަށް ފަލަސްތީނުގެ ފުޓްބޯލް އެސޯސިއޭޝަނުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދެވުނު އެހީއެއް ކަމަށެވެ.

އޭޝިއަން ކަޕް 17 އަހަރުން ދަށުގެ ކޮލިފައިންގައި ފަލަސްތީނު ހިމެނޭ ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ އިންޑިއާގައެވެ. ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕްކޮށްގެން ތިބި މުއްދަތަށް 546،000 އެއްހާ ރުފިޔާ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.