Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ކުޑަކުދިންނަކީ ގައުމުގެ އުންމީދު: ރައީސް

ކުޑަކުދިންނަކީ ގައުމުގެ އުންމީދު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހި ކުޑަކުދިން ސިފަކުރައްވާފައިވަނީ، މި ޤައުމުގެ އުންމީދު އަދި ފާގަތި މުސްތަޤުބަލެއްގެ ބިންގަލުގެ ގޮތުގަ އެވެ. އަދި ކޮންމެ ކުއްޖަކަށްވެސް، އެކުއްޖެއްގެ ފުރިހަމަ ޤާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ވެއްޓެއް ޤާއިމުކުރުމަށްޓަކައި، މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކަމަނާގެ އެކްސް އެކައުންޓުން މެސެޖެއް ހިއްސާކުރައްވާފަ އެވެ.

އެކަމަނާގެ މެސެޖުގައި ވަނީ، ކުޑަކުދިންގެ ވާހަކަތައް ކަނުލައި އަޑުއަހައި، އޯގާތެރިކަމާއެކު އެކުދިންނާ މުއާމަލާތުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކުޑަކުދިންގެ ހިތްވަރާއި، އުފެއްދުންތެރިކަމަށް އިޝާރާތްކުރައްވައި، ކުޑަކުދިންގެ ޝުޢޫރުތަކާއި ޚިޔާލުތަކަށް އިޙުތިރާމު ޙައްޤުކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި ކުޑަކުދިންނަށް މާނަވީ ގޮތެއްގައި ފުރުޞަތުތައް ހޯދައިދީ، އުންމީދުން ފުރިގެންވާ މުސްތަޤުބަލެއްގެ ތަސައްވުރު، އެކުދިންނަށް ހޯދައިދިނުމަކީ ޖަމަޢީ މަސްއޫލިއްޔަތެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވި އެވެ.

ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަސް، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރަނީ، ކުޑަކުދިންގެ ހެވާއި ލާބައަށް މަސައްކަތްކޮށް، އެކުދިންގެ ޙައްޤުތައް ނެގެހެއްޓުމަށް މުޅި ދުނިޔެ ހިއްސާކުރާ ޒިންމާ ހަނދާންކޮށްދޭ މުނާސަބަތެއްގެ ގޮތުގައެވެ.