Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

މަމްދާނީއާ ޓްރަމްޕް މާދަމާ ބައްދަލު ކުރަނީ

އެމެރިކާގެ ނިއު ޔޯކް ސިޓީގެ އިންތިހާބީ މޭޔަރު ޒޮހްރާން މަމްދާނީއާ، ރައީސް ޑޮނަލްޑް ޓްރަމްޕް މާދަމާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ވާހަކަ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސޯޝަލް ޓުރުތުގައި ހިއްސާ ކުރައްވައި ޓްރަމްޕް ވިދާޅުވީ މަމްދާނީއާ އެކު ބައްދަލުން އޮންނާނީ ވައިޓް ހައުސްގައި ކަމަށާއި އޭނައާ ބައްދަލު ކުރައްވަނީ މަމްދާނީފެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

މިއީ މޭޔަރު ހޮވަންް ބޭއްވި އިންތިހާބަށް ފަހު މަމްދާނީއާ ޓްރަމްޕް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

އޭނަ ވަނީ މި މަހުގެ ކުރީކޮޅު ބޭއްވި މޭޔަރުކަމުގެ އިންތިހާބުގައި މަމްދާނީއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރައްވައިފަ އެވެ. އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ މަމްދާނީ މޭޔަރުގެ މަގާމު ނޮހޮވުމަށާއި އޭނަ ހޮވައިފި ނަމަ ސަރުކާރުން، ނިއު ޔޯކަށް ދޭ ބްލޮކް ގްރާންޓް ވެސް ކަނޑާލާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވެ އެވެ،

އުމުރުން 34 އަހަރުގެ މަމްދާނީ ނިއު ޔޯކްގެ މޭޔަރުގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ ޖެނުއަރީ 1 ގަ އެވެ. އޭނަ އަކީ ނިއު ޔޯކްގެ އެންމެ ޒުވާން މޭޔަރުގެ އިތުރުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް މޭޔަރުގެ މަގާމަށް ހޮވިވަޑައިގަތް ފުރަތަމަ މުސްލިމެވެ.

ނިއު ޔޯކްގެ މޭޔަރުގެ މަގާމަށް މަމްދާނީއާ އެކު އިތުރު ދެ ބޭފުޅަކު ވާދަކުރެއްވި އެވެ. އެއީ ކުރިިން ނިއު ޔޯކްގެ ގަވަރުނަރުކަން ކުރެއްވި އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި އެންޑްރޫ ކުއޯމޯ، 67، އާއި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާ، 71، އެވެ.

މަމްދާނީ އިންތިހާބު ކާމިބާކުރެއްވީ ވޯޓްލި މީހުންގެ 50.4 ޕަސެންޓް ވޯޓާ އެކީގަ އެވެ. ކުއޯމޯ އަށް 41.6 ޕަސެންޓް މީހުން ވޯޓް ދިން އިރު، ކާޓިސް އަށް ވޯޓް ދިނީ އެންމެ 7.1 ޕަސެންޓް މީހުންނެވެ.

މަމްދާނީ އަކީ މަޝްހޫރު ފިލްމު ޑައިރެކްޓަރު މީރާ ނައިރްގެ ދަރިއެކެވެ.