Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ޒުވާނުންނަށް ޚާއްސަކުރި "ޔޫތު ހަބް" ހުޅުވައިފި

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކުރުވައި، މުޖުތަމަޢުގެ އެކި ފަރާތްތަކާއެކު އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ޒުވާނުންގެ މަރުކަޒެއްގެ ގޮތުގައި މާލޭގައި ތަރައްޤީކުރެއްވި ފުރަތަމަ "ޒުވާނުންގެ ވެހި" ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ލިލީމަގުގައި ހުންނަ، މުލީއާގެ ގަރާޖުގެ ގޮތުގައި ބޭނުންކުރަމުން އައި އިމާރާތާއި ގޯތި، ޒުވާނުންގެ ވެހީގެ ގޮތުގައި ތަރައްޤީކުރައްވައި ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ އެކަމަށް ހާއްސަކޮށްގެން މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގަ އެވެ.

ޒުވާނުން ބާރުވެރިކުރުވައި، ހުނަރުވެރިކަން ކުރިއެރުވުމަށް ފުރުޞަތު ފަހިކޮށްދޭން ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅުތަކާ އެއްގޮތަށް، ގިނަ ފުރުޞަތުތަކެއް ޒުވާނުންގެ ވެހިން ލިބެން ހުންނާނެ އެވެ. އެގޮތުން ކުރެހުންތެރިންނަށް ޚާއްޞަ ސަރަޙައްދަކާއި، މިއުޒިކް ރެކޯޑިންގްއަށް ޚާއްޞަ ސަރަޙައްދެއްގެ އިތުރުން، ޚާއްޞަ އިސްކަމެއްދެއްވައިގެން، ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ހިންގޭ "ހެޕިނަސް ލައުންޖު"ގެ ޚިދުމަތްތައް ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ޒުވާނުންނާ ގުޅުންހުރި ގިނަ ޚިދުމަތްތަކަކާއި ފުރުޞަތުތަކެއް، މި މަރުކަޒުން ލިބެން ހުންނާނެއެވެ.

"ޒުވާނުންގެ ވެހި" ފަރުމާކުރައްވާފައިވަނީ ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިވާގޮތަށް، ޒުވާނުންނާއި ތިމާވެއްޓާ ރައްޓެހި ތަނެއްގެ ގޮތުގައެވެ. މީގެ އިތުރުން، އެކިކަހަލަ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުޞަތުވެސް، ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވި ޒުވާނުންގެ ވެހިން ފަހިވެގެންދާނެއެވެ.

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަޙައްދަކަށްވާއިރު، އިތުރު ޚަރަދަކާ ނުލައި، ސްޓޫޑަންޓް އައި.ޑީއާއެކު ޒުވާނުންގެ ވެހީގެ ސްޓަޑީ ހޯލްތަކުގެ ބޭނުން، ކިޔަވާ ކުދިންނަށްވެސް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

"ޒުވާނުންގެ ވެހި" ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ މަރުކަޒު ބައްލަވާލައްވައި، އެކި ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.