ސަރުކާރުން ބޭނުންވަނީ ޝަރުއީ ނިޒާމު އެއްކޮށް ކޮންޓްރޯލް ކުރަން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވެފައިމިވަނީ ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަމުންދާ ދަނޑިވަޅެއްގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ޝަރުޢީ ދާއިރާއިން ފެންނަމުންދާ ކަންތައްތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަންކަން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު މަގާމުން ވަކިކުރައްވައި، އެމަނިކުފާނަށް ވަފާތެރި، ޤާބިލުކަން ނެތް ބަޔަކު އެ މަގާމުތަކަށް އައްޔަން ކުރެއްވުމަށްފަހު، މިހާރު ހައިކޯޓުގެ އެންމެ ޤާބިލު ފަސް ފަނޑިޔާރަކާއި ސިވިލް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކު މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިއީ ޝަރުޢީ ނިޒާމު އެއްކޮށް ކޮންޓްރޯލްކޮށް، ބާރު ހިފެހެއްޓުމަށް ރާވައިގެން ހިންގާ މަސައްކަތެއްކަން ފާހަގަކުރެވޭ. އަޅުގަނޑުމެންގެ މުއައްސަސާތަކަށް މިއަށްވުރެ ރަނގަޅު ގޮތްތަކެއް ޙައްޤުވޭ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ މި ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ދައްކާ ސަބަބެއްގެ ގޮތުގައި ބޭނުންކުރާ މައްސަލަތަކަކީ އެއްވެސް އަސާސެއް ނެތް، ސިޔާސީ ބޭނުމެއްގައި ހިންގާ ކަންތައްތަކެއް ކަމަށެވެ. މި ތުހުމަތުތަކަކީ ގަސްތުގައި އުފައްދާފައިވާ ދޮގު ތުހުމަތުތަކެއް ކަމަށާއި މިއީ ޝަރުޢީ ދާއިރާގައި ތިއްބެވި މިނިވަން އަޑުތައް ކަނޑުވާލުމަށް ހިންގާ އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.