ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ދައުލަތުން އުފުލި ދައުވާއަށް ރައުދު އަހްމަދު ޒިލާލް އިއުތިރާފްވެއްޖެ އެވެ.
ރައުދު ކުށަށް އެއްބަސްވެފައިވަނީ ކްރިމިނަލް ކޯޓުގައި އޮތް އެ މައްސަލައިގެ ޝަރީއަތުގަ އެވެ. ރައުދު ކުށަށް އެއްބަސްވެ ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. އަދި އެ މައްސަލާގެ ހުކުމް އިއްވުމުގެ މަޖިލިސް އަންނަ ހަފުތާގައި ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
ރައުދުގެ މައްޗަށް ފުލުހުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށް ނުދިނުމާއި މަސްތުގެ ހާލުގައި ހުރިކަމުގެ ކުށުގެ ތުހުމަތެވެ.
ރައުދުގެ މައްޗަށް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައި ވަނީ ފުލުހުންނާއި ހެކިންގެ ބަޔާނުގެ އިތުރުން ފޮޓޯ ރިޕޯޓާއި ސީން އޮފް ކްރައިމްސް އޮފިސާސް ރިޕޯޓު އަދި އިތުރު ބައެއް ގަރީނާ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.