الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:
އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާއަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެމަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާ އަކީ އެމީހުންގެ ތެރެއިންވާ މީހެއް ނޫންނަމަ، ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮންބައެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟
އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ. މިމަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ މީހުންނެވެ. އެއީ މި މަތިވެރިވެގެންވާ އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެންތިބޭ މީހުންނެވެ. އެމީހުން ކޮންމެ އާދުވަހެއް ފަށައިގަންނަނީ މިމަތިވެރި ޢަމަލުންނެވެ. މިމަތިވެރި ނަމާދު އަދާކުރުމުގައި ދެމިތިބޭމީހުންނަށް ﷲ ގެ ހަޟުރަތުގައި،މަލާއިކަތުން ހެކިވެވަޑައިގަންނަވައެވެ. އަދި ޖަމާޢަތުގައި މިމަތިވެރި އަޅުކަން އަދާކޮށްފި މީހާ، މުޅި ރޭގަނޑު އެއްކޮށް ނަމާދުކުރި ފަދައެވެ.
މި މަތިވެރި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިނަ މާދަށް ވުޟޫ ކުރުމަކީ އެހާމެ މަތިވެރި ކަމެކެވެ. އަދި މިއަޅުކަން އަދާކުރުމަށް ހިނގާފައި ދިއުމަކީ ނުހަނު ޘަވާބު ހުރިކަމެކެވެ. މި ނަމާދުގެ ފަހުގައިވާ ވަގުތަކީ ބަރަކާތް ބާވައިލައްވާ ވަގުތެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
“اللهمَّ بَارِكْ لأُمَّتي في بُكُوْرِها” (أخرجه أحمد وأبو داوود والترمذي وابن ماجه)
މާނައީ: “އޭ ﷲ! ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ ހެނދުނުގައި ބަރަކާތް ލައްވާދޭނވެ.”
އެއީ މި ވަޤުތުގެ ބަރަކާތުގެ އަހުލުވެރިންނެވެ. އަދި އެ މީހުންނަކީ حيَّ على الصلاة، حيَّ على الفلاح އަށް އިޖާބަދޭ މީހުންނެވެ. އެމީހުންނަށް އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ ފުރިހަމަގޮތުގައި އަޅުވެތިވުމުގެ މާނަ އެނގޭ،الصَّلاةُ خَيْرٌ مِن النَّومِ އަށް ފުރިހަމަ ގޮތުގައި އިޖާބަދޭ މީހުންނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.
“بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ” (أخرجه الترمذي وأبو داوود)
މާނައީ: “މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރުދޭށެވެ.”
ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.
“إنَّكُمْ سَتَرَوْنَ ربَّكُم كمَا تَرَونَ هذا القَمَرَ لا تُضامونَ في رؤيتِه، فَإِنْ اسْتَطَعْتُم الّا تُغلبوا عَلَى صلاةٍ قبلَ طلوعِ الشَّمسِ وقبلَ غروبِها فافعلُوا ثمَّ قرأَ: (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) (ق: ٣٩)” (أخرجه مسلم)
މާނައީ: “މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ނަމާދު ކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. ‘ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ.”
މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ މުރާދަކީ އެހެން ނަމާދުތައް ވެސް އަދާކުރުމާއެކު، އެ ދެ ނަމާދަށް އިތުރަށް ރައްކާތެރިވުމެވެ. އެހެނީ ނަމާދު ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުވެއެވެ.
އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
“مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله” (أخرجه مسلم)
“ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ.”
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.
“ތިޔަބައިމީހުންކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފި ނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫކޮށްފި ނަމަ އަނެއް ގޮށް މޮހިގެން ދެ އެވެ. ދެން އޭނާ ނަމާދުކޮށްފި ނަމަ ތިން ވަނަ ގޮށް މޮހިގެން ދެ އެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގަ އެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގަ އެވެ.”
ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން އެމީހުންނަށް ހެކިވުން އެމީހުންނަށް ފުދިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
“يَتَعَاقَبُوْنَ فِيْكُمْ مَلائِكَةٌ بِالنَّهَارِ، وَيَجْتَمِعُوْنَ فِيْ صَلاةِ الفَجْرِ وَصَلاةِ العَصْرِ، ثُمَّ يَعْرُجُ الذِيْنَ باتُوا فِيْكُمْ فَيَسْأَلُهُمْ رَبُّهُمْ- وَهُوَ أَعْلَمُ بِهِمْ- كَيْفَ تَرَكْتُمْ عِبادِي؟ فَيَقُوْلُونَ: تَرَكْناهُمْ يُصَلُّونَ، وأتينَاهُم وهُم يُصلُّون“ (متفق عليه)
“ތިޔަބައިމީހުންގެ ތެރޭގައި މަލާއިކަތުން ރޭގަނޑާއި ދުވާލު ޑިއުޓީ ކުރައްވައެވެ. ފަތިސް ނަމާދުގެ ވަގުތުގައާއި ޢަޞުރު ނަމާދުގެ ވަގުތުގައި އެބޭކަލުން ޖަމާވެވަޑައިގަންނަވައެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ރޭގަނޑު ހޭދަކުރެއްވި މަލާއިކަތުން، މައްޗަށް އަރާވަޑައިގަންނަވަތެވެ. ފަހެ އެބޭކަލުންގެ ވެރި ރައްބު، ދެނެވޮޑިގެންވާ ޙާލު، އެބޭކަލުންނާ ސުވާލުކުރައްވަތެވެ. ތިމަން ﷲގެ އަޅުތަކުން ތިޔަބޭކަލުން ދޫކޮށްލެއްވީ ކޮން ޙާލަތެއްގައި ހެއްޔެވެ؟
ފަހެ އެބޭކަލުން ދަންނަވަތެވެ. ތިމަންބޭކަލުން އެއުރެން ދޫކޮށްލެއްވީ އެއުރެން ނަމާދުކުރާ ޙާލުގައެވެ. އަދި އެއުރެންގެ ގާތަށް ތިމަންބޭކަލުން ވަޑައިގެންނެވީ ވެސް އެއުރެން ނަމާދުކުރާ ޙާލުގައެވެ.”
އެމީހުންނަކީ ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނެވެ. އެމީހުން ކުރާ ވުޟޫއަކީ އެ މީހުންގެ ދަރަޖަ އުފުލުމުގެ ސަބަބެކެވެ. އަދި ނަމާދަށް ހިނގާފައިދާ ދިއުމަކީ ކުރެވޭ ނުހަނު ގިނަ ދަރުމައެކުލެވިގެންވާ ހެޔޮކަމެކެވެ. އަދި މިސްކިތުގައި އިށީނދެގެން އިންނަ އިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބޭނެ ކަމެކެވެ.
“مَنْ غَدَا إِلى المسْجِدِ أوْ رَاحَ أَعَدَّ الله لَهُ فِيْ الجنَّةِ نُزُلاً كُلَّما غَدَا أَوْ رَاحَ” (متفق عليه)
“މިސްކިތަށް ގޮސްފައި އަންނަ މީހާއަށް ﷲ، ސުވަރުގޭގައި މެހުމާންދާރީއެއް ތައްޔާރު ކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސްފައި އަންނަ ކޮންމެ ފަހަރަކު އެވެ.”
ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތި ބެ މަޖާ ނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލުކޮށްފި އެވެ. އެ މީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެ އެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެ ނަމަ، ނަމާދަށް ހޭލެއްވުމަށް އެހެން މީހެއްގެ ކައިރިން އެދެ އެވެ.
އެ މީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެ ނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ، މި މަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެ ވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައި ހެއްޔެވެ؟
އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވި އެވެ.
“الصَّلاةُ على وَقْتِها…” (متفق عليه) “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.”
ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.
فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ (الماعون: ٤–٥) “ފަހެ އެބައިމީހުންގެ ނަމާދާ މެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.”
އަދިވެސް ވަޙީކުރައްވާފައިވެއެވެ.
فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩)
“އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ.”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
“أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله” (أخرجه الطبراني)
“ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ.”
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.
“ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ” (متفق عليه)
“އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ.”
އޭ އަޚާ އެވެ! އަމިއްލަ ނަފްސާ މެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސް ނަމާދު ކުރީ ކޮންދު ވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސް ނަމާދު ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.
ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެ އެވެ.
ނިދުމުގެ ކުރިން ވުޟޫކޮށް އަދި ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން.
* ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން
* އެލާމް ގަޑިޔެއް ބެހެއްޓުން
* ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން.
* ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާއަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން.
* ﷲ ސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމް ތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެކެވެ.
* ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކުއަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެ ކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން.
* ފަތިސް ނަމާދަށް ހޭލުމަށް އާދަކުރުން.
ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.
“ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله” (أخرحه أبو داوود وابن حبان)
“ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިން ބަޔަކު ވެ އެވެ. އެބައިމީހުން ދިރިތިބެއްޖެ ނަމަ ރިޒުޤު ދެއްވާހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެ މީހުން މަރުވެއްޖެ ނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައިމީހުންގެ ތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަ މީހާ ހިމެނިގެންވެ އެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެ އެވެ.”
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެއިލާހުގެ ސުވަރުގެ ވެއްދެވުމެވެ. وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه.
ނޯޓް: މިއީ ޝައިހް އަޙްމަދު ނާޒިޙް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.