Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

މިފްސާގެ ސީއީއޯއަކަށް ދާތޯ

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (މިފްސާ) ގެ ސީއީއޯގެ މަގާމަށް ދާތޯ އިސްކަންދަރު މުހައްމަދު ނޫލީ އައްޔަންކޮށްފި އެވެ.

މި އަހަރުގެ ކުރީކޮޅު، ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން ފެށި އެމްއައިއެފްސީ އަކީ، ޓޫރިޒަމް ދާއިރާގެ އިތުރުން ރާއްޖޭގެ އިގުތިސޯދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ މަޝްރޫއެކެވެ.

މިފްސާ އަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ) ތަރައްގީކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޒިންމާ ހަވާލުކޮށްފައިވާ ދިވެހި ސަރުކާރުގެ އިދާރާ އެވެ. މިފްސާގެ ޒިންމާތަކުގެ ތެރޭގައި، ހަރުދަނާ ގަވާއިދުތަކާއި އޮނިގަނޑެއް ގާއިމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތަކަށް އަމަލުކުރޭތޯ ކަށަވަރު ކުރުމާއި އެމްއައިއެފްސީއަކީ ބައިނަލްއަގުވާމީ މާލީ ދާއިރާގައި އިތުބާރު ހުރި، ވާދަވެރި މަންޒިލެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމަށް މަގުފަހިކޮށް ދިނުން ހިމެނެއެވެ.

އެމްއައިއެފްސީއަކީ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ފަށާފައިވާ މަޝްރޫއެކެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފަރުމާކޮށްފައިވާ މާލީ މިނިވަން މަންޒިލެއްގެ ގޮތުގައި، އެމްއައިއެފްސީގެ މަގުސަދަކީ ޓޫރިޒަމް ދާއިރާގެ އިތުރުން ދިވެހި އިގުތިސޯދު ތަފާތު ދާއިރާތަކަށް ފުޅާކުރުމަށްޓަކައި، ދުނިޔޭގެ މާލީ އިދާރާތަކާއި ފިންޓެކްގެ އީޖާދުތަކާއި އަދި ޑިޖިޓަލް ދާއިރާގެ ހުނަރުވެރިން ރާއްޖެއަށް ގެނައުމެވެ.

މެލޭޝިއާ އަށް ނިސްބަތްވާ ދާތޯ އަކީ ހާއްސަކޮށް މާލީ ހިދުމަތްތައް ބަލަހައްޓާ އިދާރާތަކުގައި، އޮފްޝޯ މާލީ ހިދުމަތްތަކުގެ ދާއިރާގެ ތަޖުރިބާކާރެކެވެ.

އޭނަ ވިދާޅުވީ މިފްސާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ޒަމާނީ، ދެމެހެއްޓެނިވި މާލީ މަރުކަޒެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރުން ދޭ އަހަންމިއްޔަތަކުކަން ބޮޑު ކަމަށެވެ.

"ދުނިޔޭގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސް، ބައިނަލްއަގުވާމީ މާލީ ދާއިރާގައި ވާދަވެރި ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ދާތޯ ވިދާޅުވި އެވެ.