Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

އެމްއެންޑީއެފާއި އިންޑިއާގެ ނޭވީ ގުޅިގެން ތަމްރީނެއް ފަށައިފި

އެމްްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 8 ވަނަ ސިލްސިލާ، އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި ފަށައިފިއެވެ.

ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި މިއަދު މި ތަމްރީނު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑްގެ ކޮމާންޑާ ބްރިގޭޑިއަރ ޖެނަރަލް މުޙައްމަދު އިބްރާހީމެވެ.

ތިން ހަފުތާގެ މުއްދަތަށް ކައްދޫގައި، އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގާ މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯ އާއި އެމްއެންޑީއެފް ސާވިސް ކޯއަށް ނިސްބަތްވާ ސިފައިން ބައިވެރިވެއެވެ. މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކުރަމުން ދަނީ ޓެކްޓިކަލް ޑައިވިން، ފަޔަރިން، ސްލިދަރިން އަދި ބޯޑިން ފަދަ ތަމްރީނުތަކެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީއާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒާއި، އެ އޭރިއާ ކޮމާންޑްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.