Last Updated: June 7, 22:00
Sunday, June 7, 2026
ދުނިޔެ

މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ފާތިމާ އަށް

މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު މެކްސިކޯގެ ރީތީގެ ރާނީ އަށް ލިބިއްޖެ އެވެ.

ތައިލޭންޑްގައި މިއަދު ބޭއްވި މިސް ޔުނިވާސް ހަފުލާގައި ތާޖު ހާސިލުކުރީ މުބާރާތުގައި މެކްސިކޯ ތަމްސީލުކުރި 25 އަހަރުގެ ފާތިމާ ބޯޝް އެވެ. އޭނަ މުބާރާތް ކާމިޔާބުކުރި އިރު، މި ފަހަރުގެ މުބާރާތުގެ ތެރޭގައި ތަފާތު އެކި ކަހަލަ މައްސަލަތައް ދިމާވެ، މުބާރާތުގައި ވާދަ ނުކުރަން ވެސް ފާތިމާ ނިންމި އެވެ.

ފާތިމާ އެގޮތަށް ނިންމީ މުބާރާތުގައި ވާދަވެރިންގެ ކުރިމަތީގައި ޖަޖުންތަކެއް އޭނަ ދަށްކޮށްލައި، މުބާރާތުން ޑިސްކޮލިފައިކޮށްފާނެކަމުގެ އިންޒާރުތަކެއް ވެސް ދިނުމާ ގުޅިގެންނެވެ.

ނަމަވެސް ފާތިމާ އަލުން މިސް ޔުނިވާސް މުބާރާތަށް އައީ އިންސާފުން އެއްކިބާވެ، ތާޖު ވަކި މީހަކަށް ދޭން ޖަޖުންތަކެއް މަސައްކަތްކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން ދެ ޖަޖަކު އަމިއްލަ އަށް ވަކިވުމާ ގުޅިގެންނެވެ.

މިސް ޔުނިވާސްގެ ތާތު ފާތިމާ އަށް ލިބުނު އިރު، މުބާރާތުގެ ދެވަނަ އަކީ ތައިލޭންޑްގެ ރީތީގެ ރާނީ ޕްރަވީނަރް ސިންގް އެވެ. ތިން ވަނަ ލިބުނީ ވެނެޒްއެލާގެ ރީތީގެ ރާނީ ސްޓެފެނީ އެބަސާލީ އެވެ.

މި އަހަރު ބޭއްވި 74 ވަނަ މިސް ޔުނިވާސް މުބާރާތުގައި 120 ގައުމަކުން ވާދަކުރި އެވެ.

ފާތިމާ އަށް މިސް ޔުނިވާސްގެ ތާޖު ހަވާލުކޮށް ދިނީ މިދިޔަ އަހަރުގެ މިސް ޔުނިވާސްގެ ތާޖު ހޯދި ޑެންމާކްގެ ވިކްޓޯރިއާ ޖެއާ އެވެ.

މިސް ޔުނިވާސް މުބާރާތަކީ މިސް ވޯލްޑް ފިޔަވައި ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ރީތީގެ ރާނިން ހޮވުމުގެ މުބާރާތެވެ.