އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ނިމުމަކަށް ގެންނަން ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖެއިން ގޮވާލައިފި އެވެ.
ރާއްޖެއިން މިކަމަށް ގޮވާލީ އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ދާދިފަހުން ދީފައިވާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އާންމުންގެ ފުރާނަ ގެއްލި، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އިޒްރޭލުން ވަރަށް ބޮޑަށް ޚިލާފުވެފައިވާތީ، އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ނިމުމަކަށް ގެނައުމަށާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފުރިހަމައަށް އަދި ވަގުތުން ޢަމަލުކުރުން ކަށަވަރުކުރުމަށް، ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލާ ކަމަށެވެ.
އަދި އިޒްރޭލުގެ ޢަމަލުތަކުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ ނުރައްކާ އޮތުމުން އެކަމުގެ ކަންބޮޑުވުން ވެސް ރާއްޖެއިން ވަނީ ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ހައްގު ހޯދައިދިނުމަށް ރާއްޖޭން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަންދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.