އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރުމަށް ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކުގެ އަރިހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ. އެގޮތުން މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމުން ދުރުވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ދިވެހިން ވުމަކީ މި ޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ، ރޭ އޮލިމްޕަހުގައި އެޅުވި ދިވެހި ފިލްމެއްގެ ޕްރިމިއާ ނައިޓެއްގައި ފިރިހެނަކު އަންހެން ހެދުމުގައި އެތަނަށް ދިޔުމުން، ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.