އިންޑިއާގެ ޒުވާން ތަރިން ކަމަށްވާ ސިދާންތު ޗަތުރަވެދީ އާއި މުރްނާލް ތާކޫރްގެ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު އަންނަ އަހަރުގެ ފެބްރުއަރީގައި ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށްފައިވާ މި ލޯބީގެ ފިލްމުގެ ނަމަކީ "ދޯ ދީވާނޭ ސެހެރް މޭ" އެވެ. ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުގެ ނަަމަކީ "ތުމް ހީ ހޯ" އެވެ.
ފިލްމު ސިނަމާތަކަށް ދޫކޮށްލަން ނިންމީ އަންނަ އަހަރުގެ ފެބްރުއަރީ 20 ގަ އެވެ.
"ދޯ ދީވާނޭ ސެހެރް މޭ" ގެ ޑައިރެކްޓަރަކީ ރަވީ އުދިއަވަރެވެ. އޭނަ އަކީ މިދިޔަ އަހަރު ރިލީޒްކުރި ސިދާންތުގެ އެކްޝަން ތުރިލާ "ޔުދުރާ" ގެ ވެސް ޑައިރެކްޓަރެވެ. އަދި ކުރީގެ މަޝްހޫރު ބަތަކާ ސްރީދޭވީ ފަހު ފިލްމު ކަމަށްވާ 2017 ގެ ކްރައިމް ތުރިލާ "މޮމް" ގެ ޑައިރެކްޓަރަކީ ވެސް ރަވީ އެވެ.
ސިދާންތާއި މުރްނާލްގެ ޖޯޑު އެކީގައި ބޮޑު ސްކްރީނަސް ގެންނަ "ދޯ ދީވާނޭ ސެހެރް މޭ" އަކީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެވެ.