Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ޒުވާނުންނަށް ކަންތައް ކޮށްދޭނަން، އަނެއްކާވެސް އަޖުމަ ބަލާލާ

ޒުވާނުންނަށް ކަންތައް ކޮށްދެއްވާނެ ކަމަށާއި އަނެއްކާވެސް އެމަނިކުފާނު އަޖުމަ ބެއްލެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޒުވާނުންނަށް ގޮވާލައިފި އެވެ.

ހުޅުމާލެ ފޭސް ދޭއްގައި ރޭ ބޭއްވި "ރައިޒް އަޕް ޔޫތު" އިވެންޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޒުވާނުންގެ ޝިކާޔަތާއި ޒުވާނުންގެ މައްސަލަތަކުގައި ހިފައިގެން މިހާ ހިސާބަށް ދިވެހި ތާރީހުގައި ހިނގި ރައީސަކަށް ހުންނެވީ އެމަނިކުފާނު ކަމަށާއި މި ޖަލްސާ ބާއްވަނީ ވެސް ޒުވާނުންނަށް ހާއްސަކޮށްފައި އޮތް ބިމުގައި ކަމަށެވެ.

އަދި އެމަނިކުފާނު ޒުވާނުންނަށް ކަންތައްތައް ކޮށްދެއްވާނެ ކަމާމެދު ޝައްކު ކުރަން ނުޖެހޭނެ ކަމަށާއި އެމަނިކުފާނު އަނެއްކާވެސް އަޖުމަކޮށްލުމަށް ޒުވާނުންނަށް ޔާމީން އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުގެ އަޖުމަ އަނެއްކާވެސް ބައްލަވާލައްވާށޭ، އޭރަށް ދެއްތޯ ޒުވާނުންނަށް އެނގޭނީ ކޮން ކަމެއްތޯ ވެގެންދާނީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ މުއައްސަސާތަކެއް މިއަދު ހުރީ ފެއިލްވެފައި ކަމަށާއި ޒުވާނުން ތެދުވާން ޖެހެނީ އެހެންވެގެން ކަމަށެވެ. މި ސަރުކާރަށް ފާޑު ވިދާޅުވެ ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރަށް 100 އަކުން ދޭނީ 20 މާކްސް ކަމަށްވެސް ވިދާޅުވެފަ އެވެ.

"އެހެންވީމާ ޕީއެންސީގެ ބޮޓުންނަށް ދަންނަވާލަން ޖެހެނީ އޭ ސްޓާ ދެއްވީ ކިހިނެއްތޯ؟ އޭ ސްޓާ ދެއްވި ގޮތް އެ ބޭފުޅުން ވިދާޅުވާންވީ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ ސަރުކާރުން ކަންކަން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ނުކޮށް ރައްޔިތުންނާ ހަމައަށް ތިރިވުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ.

ޔާމީން ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރައްވަފަ އެވެ. އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ އޭރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރަމުންދިޔުމާ ގުޅިގެންނެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ރައީސް މުއިއްޒު ހޯއްދަވައި ވެރިކަމަށް ވަޑައިގެންނެވީ ޔާމީނުގެ ވެސް ތާއީދާ އެކުގަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އެމަނިކުފާނާއި ޔާމީނާއި ދެމެދު މައްސަލަ ޖެހި ޕީޕީއެމް ދޫކުރައްވައި ޔާމީން ވަނީ ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފައްދަވާފަ އެވެ. އަދި ޔާމީން ގެންދަވަނީ ރައީސް މުއިއްޒާއި މި ސަރުކާރަށް އެކި ޕްލެޓްފޯމުތަކުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުންނެވެ.