Last Updated: July 6, 14:04
Monday, July 6, 2026
ދުނިޔެ

ޓްރަމްޕްގެ ތައުރީފް މަމްދާނީ އަށް

އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ނިއު ޔޯކްގެ މޭޔަރު ކަމަށް އިންތިހާބުވެފައިވާ ޒޮހްރާން މަމްދާނީ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފު ކުރައްވައިފި އެވެ.

މޭޔަރު ކަމަށް އިންތިހާބުވި ފަހުން ފުރަތަމަ ފަހަރަށް މަމްދާނީ އިއްޔެ ވަނީ ވައިޓްހައުސްގައި ޓްރަމްޕާއި ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް ވިދާޅުވީ މަމްދާނީއާއެކު ބޭއްވުނީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށާއި ހީކުރި ވަރަށް ވުރެ މާ ގިނަ ކަންކަމުގައި މަމްދާނީއާއެކު އެއް ވިސްނުމަކަށް އާދެވުނު ކަމަށެވެ. ނިއު ޔޯކް މިހާރަށް ވުރެ މާ ފެންވަރު ރަނގަޅު ސިޓީއަކަށް ހަދަން މަމްދާނީ ބޭނުންވާ ކަމަށާއި އެކަމުގައި އޭނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މަމްދާނީ ހިންގެވި މޭޔަރު ކެމްޕޭނަށް ތައުރީފް ކުރައްވަމުން ޓްރަމްޕް ވަނީ ނިއު ޔޯކަށް ވަރަށް ހާއްސަ ކަންތައްތަކެއް ކުރުމުގެ ފުރުސަތު މަމްދާނީއަށް އެބައޮތް ކަމަށާއި އެކަމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މަމްދާނީއަކީ "ޖިހާދިސްޓެއް" ކަމަށް ބުނެ ރިޕަބްލިކް ޕާޓީގެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ދެކޮޅުކަން ހާމަކުރައްވަމުން ޓްރަމްޕް ވަނީ މަމްދާނީ އަކީ ވަރަށް ތޫނުފިލި މީހެއް ކަމަށް ވިދާޅުވެފަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މަމްދާނީ ވިދާޅުވީ ޓްރަމްޕާއެކު ބޭއްވުނު ބައްދަލުވުމުގައި ނިއު ޔޯކަށް ދިމާވެފައިވާ މައްސަލަތަކާއި އަދި ހައްލުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަރަށް އުފެއްދުންތެރި ގޮތެއްގައި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި މިކަންކަން ކުރުމުގައި ކުރިއަށް އޮތް ތަނުގައި ޓްރަމްޕާއެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ނިއުޔޯކްގެ ފުރަތަމަ މުސްލިމް މޭޔަރު ކަމަށްވާ އުމުރުން 34 އަހަރުގެ މަމްދާނީ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ ޖެނުއަރީ އެކެއްގަ އެވެ.