Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ސަނީގެ 'އިއްކާ' އަށް އަކްޝޭ އާއި ސަންޖީދާ

ސަނީ ޑިއޯލް ހިމަނައިގެން ޑައިރެކްޓަރު ސިދާތު ޕީ މަލްއުތުރާ ހަދާ އެކްޝަން ތުރިލާ "އިއްކާ" އަށް އިތުރު ކާސްޓުންތަކެއް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝޫޓިން ވެސް މިހާރު ކުރިއަށްދާ މި ފިލްމުގެ ކާސްޓާ ގުޅުނު ތަރިންނަކީ އަކްޝޭ ކަންނާ އާއި ބަތަލާ ސަންޖީދާ ޝެއިހެވެ. ސަނީ އާއި އަކްޝޭ ކުރިން 1997 ގެ "ބޯޑާ" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަކްޝޭގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު އަދިތިއާ ދާރް އަންނަ މަހުގެ 5 ގައި ގެނެސްދޭން ހަމަޖެހިފައިވާ ސްޕައި އެކްްޝަން ތުރިލާ "ދުރަންދާރު" އެވެ.

އަކްޝޭ އަކީ ބޮލީވުޑްގެ މި އަހަރުގެ އެންމެ ބޮޑު އެއް ހިޓް ކަމަށްވާ "ޗާވާ" ގައި ވެސް ވަރުގަދަ ރޯލެއް ކުޅުނު އެކްޓަރެކެވެ.

"އިއްކާ" ގެ ރޯލަކަށް ސޮއިކުރި ސަންޖީދާ އަކީ ޓީވީ ސިލްސިލާތަކުން މަޝްހޫރުވި ބަތަލާއެކެވެ. އޭނަ މިހާރު ފާހަގަކޮށްލެވެނީ ބޮލީވުޑްގެ ހުނަރުވެރި، ކާމިޔާބު ޑައިރެކްޓަރުންނާ އެކީ މަސައްކަތް ކުރަން ފުރުސަތު ލިބޭ ބަތަލާއެއްގެ ގޮތުގަ އެވެ. އެގޮތުން ސަންޖީދާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންއާ އެކު ޑައިރެކްޓަރު ސިދާތު އާނަންދު ގެނެސްދިން "ފައިޓާ" އިންނެވެ.

ސަންޖީދާ އަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2023 ގައި ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ހީރާމަންޑީ" ގެ ވެސް މައިގަނޑު އެއް ބަތަލާ އެވެ.

"އިއްކާ" ގެ މަސައްކަތް ބާރަށް ކުރިއަށްދާ އިރު، ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަކީ ސިނަމާތަކުގެ ބަދަލުގައި ސީދާ ނެޓްފްލިކްސްގައި ޕްރީމިއާ ކުރާނެ ފިލްމެކެވެ.

މީގެ ޑައިރެކްޓަރު ސިދާތަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ރާނީ މުކަރްޖީގެ 2018 ގެ "ހިޗްކީ" ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ތައާރަފުވި ނެޓްފްލިކްސްގެ މިދިޔަ އަހަރުގެ "މަހާރާޖް" އެވެ. ސަނީ އާއި އަކްޝޭ ހިމަނައިގެން ސިދާތު "އިއްކާ" ހަދަމުން އަންނަ އިރު، މި އަހަރުގެ ކުރީކޮޅު އޭނަ ވަނީ ޕަރިތީނީ ޗޯޕްޅާ ވެސް ހިމެނޭ ގޮތަށް ބޮޑު ކާސްޓެއް ހިމަނައިގެން ސީރީޒެއްގެ މަސައްކަތް ވެސް ނިންމައިފަ އެވެ.

އެކަމަކު އެއާ ބެހޭ އެެއްވެސް މައުލޫމާތެއް އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.