އިންތިހާބުތަކަށް ކުރިމަތިލާން އުޅޭ އައްޑޫ މީދޫގެ ބައެއް މީހުންނަށް ބައެެއް މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ލިބެމުންދާތީ އެ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހުމާން (އައްދު) ނުރުހުން ފާޅު ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ނުރުހުން ފާޅު ކުރެއްވީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ކުރިމަތިލާން ނިންމާފައިވާ ބައެއް މީހުންނަށް، ބައެެއް މީހުންގެ ފަރާތުން މަލާމާތް ރައްދުވާ ކަމަށް ވިދާޅުވެ އެވެ.
އެ ޕޯސްޓްގައި އައްދު ވިދާޅުވީ ކަންކަން މޮޅަށް އެނގޭ މީހުން ދުރުގައި ތިބެގެން، ކޮންމެހެން ކުރިމަތިލާން އުޅޭ މީހުންނަށް މަލާމާތް ކުރާނެ ކަމެއް ނެތް ކަމަށެވެ.
"ހެޔޮ އެދިގެން ވާހަކަ ދައްކާ ނަމަ މޮޅު މީހުން ކުރިމަތިލައިގެން ހޮވިގެން އައިސް ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރަންވީ،" އޭނަ ވިދާޅުވި އެވެ. "[އެކަމަކު] ކަންވެ ނިމޭ އިރު މޮޅު އެކެއްގެ ނަން ވެސް ވޯޓްކަރުދާސްކޮޅަކު ނޯވޭ."
އައްދު ވިދާޅުވީ އިންތިހާބެއްގައި ވާދަކޮށްލަން އެ ބުނާ "މޮޅު މީހުން" ގެ ހިތްވަރެއް ވެސް ނުހުންނަ ކަމަށެވެ.
"ކުރިމަތިލާ ބަޔަކު ކުރިމަތިލަނީ އެ މީހުމްގެ [ހަމަ] ހާއްސަ ކަމެއް ހުންނާނީ." އަމިއްލަ ގޮތުން މަޖިލީހުގައި ތަމްސީލު ކުރައްވާ މެންބަރު ވިދާޅުވި އެވެ.
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރަން ޝައުގުވެރިވާ މީދޫގެ ބައެެއް މީހުން އަންނަނީ އެ މީޙުން ވާދަކުރާނެކަން މިހާރު ސޯޝަލް މީޑިއާގައި އިއުލާން ކުރަމުންނެވެ.
މީދު އާއި ހުޅުދު އަކީ އަކީ މި ފަހަރު އައްޑޫގައި ރަށު ކައުންސިލް އިންތިހާބު ބާއްވާނެ ދެ ރަށެވެ. އެ ދެ ރަށް ސިޓީ ކައުންސިލާ ވަކިވާން ނިންމީ މިދިޔަ މަހު ބޭއްވި ފެންނަ ނުފެންނަ ވޯޓްގަ އެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗް 28 ގަ އެވެ.