ކެފޭ އުސޫލުން މާލޭގައި ހިންގާ ތަނަކުން ދެ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ، ގަހާ، މުޙައްމަދު ޒަޔާން ޙުސައިން، 22، އާއި ފުވައްމުލައް، މިސްކިތްމަގު، ޖާދޫގޭ، އަޙްމަދު ޝާރިން ޝާހިދު، 20، އެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކްރިމިނިލް ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފަ އެވެ.
އެ މީހުންގެ ކޯޓުން އަމުރަށް ބަލާ އިރު، ދެ މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ މަސްތވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ ހަފުތާގެ ތެރޭގައި ފުލުހުން "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވެ އެވެ. އަދި އެ އޮޕަރޭޝަން ފެށި ދުވަހު 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އޮޕަރޭޝަނާ ބެހެ އިތުރު ތަފުސީލުތަކެއް ފުލުހުން ފަހުން ހާމައެއް ނުކުރެ އެވެ.