Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

އަޖޭގެ ޖަންގަލް އެޑްވެންޗާ އަށް ތާރީހެއް

އިންޑިއާގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ޖަންގަލް އެކްޝަން އެޑްވެންޗާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާރީހެއް ކަނޑައަޅައިފި އެވެ.

މީޑިއާތަކުން ބުނީ ކާސްޓްގައި ތަމަންނާ ބާޓިއާ ސަންޖޭ ދަތު ވެސް ހިމެނޭ ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އަންނަ އަހަރުގެ ޑިސެންބަރު މަހު 4 ގައި ކަމަށެވެ. އަޖޭގެ މި ޖަންގަލް އެޑްވެންޗާގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން މީޑިއާތަކުގައި ދެކެވެމުން ދިޔަ ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީކޮށް ފިލްމުގެ ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަގަން ޝަކްތީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ނަމަކީ "ރޭންޖާ" އެވެ. ނަމަވެސް މިހާރު ރިޕޯޓްތަތައް ބުނާ ގޮތުން އެ ނަން އަދި ފިލްމުގެ ޓީމުން ފައިނަލެއް ނުކުރެ އެވެ.

ޖަގަން އަކީ އަކްޝޭ ކުމާރުގެ 2019 ގެ "މިޝަން މަންގަލް" ގެނެސްދިން ޑައިރެކްޓަރެވެ.

އަންނަ އަހަރަށް ހުރި އަޖޭގެ ފިލްމުތަކުގެ ތެރެއިން އެންމެ ކުރިން ގެނެސްދޭނެ ކަމަށް ބެލެވެނީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް ކޮމެޑީ "ދަމާލް 4" އެވެ. ޑައިރެކްޓަރު އިންދަރު ކުމާރުގެ މި ފިލްމު އޮތީ މި އަހަރުގެ މެދު ތެރޭގައި ޝޫޓިން ވެސް ނިންމައިފަ އެވެ.

އަޖޭގެ 4 ފިލްމެއް މި އަހަރު ރިލީޒްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 14 ގައި ރިލީޒްކޮށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ދޭ ދޭ ޕިޔާރު ދޭ 2" އެވެ. އޭނަގެ މި އަހަރުގެ އެހެން ފިލްމުތަކަކީ "އާޒާދު"، "ރެއިޑް 2" އަދި "ސަން އޮފް ސަރުދާރު 2" އެވެ.