މީގެ 15 ވަރަކަށް އަހަރު ކުރިން، ރައީސް މުޙައްމަދު ނަޝީދުގެ ޙިކުމަތްތެރި ތަޞައްވުރަކާއެކު އައްޑޫ ސިޓީ އުފެދިގެން ދިޔައީ، އެއްބައިވަންތަ ޒަމާނީ އާބަން ސެންޓަރަކަށް އައްޑޫ ބަދަލުކުރުމުގެ މަތިވެރި މަޤްޞަދުގަ އެވެ. އެމަނިކުފާނުގެ މި އިސްނެންގެވުމުގެ ލަނޑުދަނޑިއަކީ އައްޑޫގެ ވެރިކަމާއި، އިންފްރާސްޓްރަކްޗަރާއި، މަދަނީ އައިޑެންޓިޓީ މަތިވެރިކޮށް، ދިގު މުއްދަތަކަށް ދިވެހި ސަރުކާރުން ދެކުނަށް އިންކާރުކޮށްފައިވާ ޙައްޤުވެރި މަޤާމު އައްޑޫއަށް ހޯދައި ދިނުމެވެ. މިއީ އެ މަނިކުފާނު ޚާލިޞް ނިޔަތެއްގައި ފައްޓަވައި ދެއްވި މަސައްކަތެކެވެ.
އެހެންނަމަވެސް، މި މަތިވެރި ތަޞައްވުރު ބިނާވެފައިވަނީ ތާރީޚުން އިހުމާލުކޮށްފައި ވާ އުސް އަދި ހައްލުނު ކުރެވި ހުރި ސަގާފީ ބައިބައިވުންތަކުގެ ބިންގަލެއްގެ މައްޗަށެވެ.
އައްޑޫ އެކުލެވިގެން ވަނީ މައިގަނޑު ދެ ޖަޒީރާ ގުރޫޕަކުންނެވެ. އޭގެ ތެރެއިން އެއް ޖަޒީރާ ގުރޫޕަކީ ގުޅިފައިވާ ދެ ރަށް ކަމުގައިވާ ހުޅުދޫއާއި މީދޫ ހިމެނޭ ޖަޒީރާއެވެ. އަނެއް ގުރޫޕަކީ ހިތަދޫ، މަރަދޫ އަދި ފޭދޫގެ މައްޗަށް ބަހާލެވިފައިވާ ބޮޑު ގުދުރަތީ ޖަޒީރާއެވެ. މަރަދޫފޭދޫގެ އާބާދީ ދިރިއުޅެނީ މަރަދޫގެ އެއްކޮޅުގަ އެވެ. އިނގިރޭސި ސިފައިން އައްޑޫ އިން ފޭބުމަށް ފަހު، އިދާރީ ގޮތުން ހުޅުމީދޫގެ ނަމުގައި ހުޅުދޫ/މީދޫ ހިމެނޭ ޖަޒީރާ އެއްކޮށްލެވުނެވެ. ނަމަވެސް، މި އެއްކޮށްލުން ވަރަށް އަވަހަށް ނާކާމިޔާބުވި އެވެ.
ސަގާފީ ބައިބައިވުންތަކާއި، އިތުބާރު ނެތުމާއި، އެއްބަޔަކަށްވުރެ އަނެއްބަޔަކު މޮޅުކަމުގައި ކުރެވުނު ދަޢުވާތަކުގެ ސަބަބުން މުޖުތަމަޢު ބައިބައިވެ، ހަމަނުޖެހުމާއި ފާޅުކަންބޮޑު ޢަދާވާތްތެރިކަން އުފެދިގެން ދިޔައެވެ. ދެފަރާތުގެ ލީޑަޝިޕް ކަނޑައެޅިގެން ދިޔައީ ވަކި ތަޞައްވުރެއްގެ މައްޗަށް ބިނާވެގެނެއް ނޫނެވެ. އެކަމަކު ވާދަވެރިކަމުގެ މައްޗަށެވެ.
ކާމިޔާބު ގިނަފަހަރު ބިނާވެގެންދިޔައީ ލީޑަރަކު އަނެއް ޖަޒީރާއާ ބެހޭގޮތުން ނުރަނގަޅު ގޮތުގައި ވާހަކަ ދެއްކުމުގެ ހުނަރުގެ މައްޗަށެވެ. ސިޔާސީ ކުރިއެރުން ހޯދަނީ ޕޮޒިޓިވް ވިޝަނަކަށް ވުރެ ބޮޑަށް ނުރުހުމުގެ ވާދަވެރިކަމުގެ ޛަރީޢާއިންނެވެ.
އައްޑޫ ސިޓީއެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާންކުރެވުނީ މުޅިން އާ ފެށުމެއްގެ ވަޢުދުތަކާ އެކުގަ އެވެ. ނަމަވެސް، އޭގެ ބަދަލުގައި އުފެދިގެން ދިޔައީ މުޅިން އާ ވައްތަރެއްގެ ބައިބައިވުމެކެވެ. އެއީ ކުރިން ރަށްތަކަށް ލިބިގެންވި ރަށްވަންތަކަމުގެ ޙައްޤު ގެއްލިގެން ދިއުމެވެ. މީގެ ތެރޭގައި ސިޓީގެ ބައެއް ރަށްތަކަށް ހަމަހަމަ ތަމްސީލުކުރުމުގެ ޙައްޤުވެސް ގެއްލިގެން ދިޔައެވެ. އާބާދީއަށް ބަލައިގެން ތަމްސީލު ކުރުމުގެ ނިޒާމުގެ ދަށުން ހިތަދޫއަށް ބޮޑު ބާރުތަކެއް ލިބުނުއިރު، އެހެން ހުރިހާ ޖަޒީރާތަކެއް އެއްކޮށްލުމުން ވެސް އެމީހުންނަކީ ސިޓީ ކައުންސިލްގެ މައިނޯރިޓީއެވެ.
މި ހަމަނުޖެހުމުގެ ސަބަބުން ހިތަދޫގެ މަންދޫބުންނަށް ބިން ބޭނުންކުރުމާއި، މުނިސިޕަލް ޚިދުމަތްތަކާއި، މުޅި ސިޓީއަށް ވަސީލަތްތައް ބެހުމާ ގުޅޭ ނިންމުންތައް ޑޮމިނޭޓްކުރުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކުދި އާބާދީތައް ކަމުގައިވާ ހުޅުދޫ، މީދޫ، ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް މުސްތަޤްބަލަށް އަސަރުކުރާ ނިންމުންތަކުގައި އެމީހުންގެ އަޑު އިވިގެން ނުދާކަމުގެ އިޙްސާސް ކުރެވެން ފެށި އެވެ.
މި އާ އިންތިޒާމުގައި ހަމަނުޖެހުމެއް ފެންނަން ނެތުމަކީ އެ އިންތިޒާމުގައި ހަމަޖެހުން އޮތްކަން ދަލީލުކޮށްދޭ ކަމެއް ނޫނެވެ. އައްޑޫގެ އަމާންކަން ދެމެހެއްޓިފައިވަނީ 2000 ގެ ކުރީކޮޅު ތަޢާރަފްކުރެވުނު ފުލުހުންގެ ޙާޟިރީއާއި ޙަޤީޤީ ސުލްޙަވެރިކަމަކުން ނޫނެވެ. ސަގާފީ ފޯލްޓް ލައިންތަކަށް އަސްލު ޝިފާއެއް ނުލިބި އަދިވެސް ދެމިއޮތީ ހިފެހެއްޓިފަ އެވެ. ސިޔާސީ ވަފާތެރިކަމާއި އިންތިޚާބީ ކާމިޔާބީތައް އަދިވެސް ބިނާވެފައި ވަނީ މުޅި ސިޓީއަށް ޝާމިލުވާ ދުރުވިސްނުމެއްގެ މައްޗަކަށް ނޫނެވެ. އެހެނަސް، ލޯކަލް އައިޑެންޓިޓީ އާއި ބައިބައިވުމުގެ ތަޢައްޞުބުގެ މައްޗަށެވެ.
"އެއްބައިވަންތަ އައްޑޫ" އަކީ މަތިވެރި އަދި އަސާސީ އަމާޒެއްގެ ގޮތުގައި ދެމިއޮތް ފިކުރެއް ނަމަވެސް، މިކަން ޙަޤީޤަތަކަށް ވާނީ ހަމަހަމަކަމާ އެކު ތަމްސީލު ކުރުމާއި، އިންޞާފުވެރިކަމާއި، ސަގާފީ އިޙްތިރާމުގެ މައްސަލަތަކަށް ސީދާ މުޢާމަލާތް ކުރެވިއްޖެ ނަމަ އެވެ.
ރާއްޖޭގެ މިއަދުގެ ސިޔާސީ މަސްރަޙުގައި މިފަދަ އެއްބައިވަންތަކަމެއް ޙާޞިލުކުރުމަކީ ގޮންޖެހުންތަކެއް ހުރި ކަމެކެވެ. މި ބައިބައިވުންތައް ޙައްލުކުރެވޭނީ ހަމައެކަނި ދުރުވިސްނުންތެރި، ރައްޔިތުންގެ ތާއީދު ލިބިފައިވާ މުޙައްމަދު ނަޝީދު ފަދަ ކެރިޒްމާޓިކް ޤައުމީ ލީޑަރެއްގެ ޒަޢާމަތުގެ ދަށުންނެވެ.
އައްޑޫ ސިޓީއަށް ޙައްޤުވާ ތަރައްޤީއާއި ކުރިއެރުމުގެ ހުވަފެނަކީ ޙަޤީޤަތުގައިވެސް ފުރިހަމަވަމުންދިޔަ ހުވަފެނެއް ނަމަވެސް، 2012 ވަނަ އަހަރު ދިމާވި ސިޔާސީ ހަލަބޮލިކަމާއެކު، އެއްބައިވަންތަ އައްޑޫ ސިޓީއެއްގެ ތަޞައްވުރު ވެސް ފުރިހަމަ ނުވެ ހުއްޓިގެން ދިޔަ އެވެ.
އައްޑޫ ސިޓީ އުފެދިގެން އައީ ދެކުނުގެ ޖަޒީރާތަކުގައި ކުރިއެރުމާއި އެއްބާރުލުމުގެ ރަމްޒަކަށްވުމުގެ މަތިވެރި އަމާޒު ޙާޞިލުކުރުމަށެވެ. އެހެން ނަމަވެސް، މިއަދު އެ އެއްބައިވަންތަކަން ވަނީ ނިކަމެތިވެފައެވެ. ހުޅުދު އާއި މީދޫ މިހާރު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑުން އިންތިޒާމީ ގޮތުން ވަކިވެފައެވެ.
މި އިދާރީ ބައިބައިވުމާއެކު ވެސް، ސިޓީ ކައުންސިލްގެ އެތެރޭގެ ގޮންޖެހުންތަކަށް އަދިވެސް އޮތީ ދާއިމީ ޙައްލެއް ބޭނުންވެފައެވެ. ކައުންސިލްގެ ޒަޢާމަތާއި، އިސްކަންދެވޭ ސިޔާސަތުތަކާއި، ޚިޔާލު ތަފާތުވުންތަކާއި، ހަމަހަމަކަމާ ގުޅޭ ކަންބޮޑުވުންތަކުގެ އަޑު މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ދަނީ އިވެމުންނެވެ.
ތަރައްޤީ އާއި ފުދުންތެރިކަމުގެ ވަޢުދުތަކާއެކު ބިނާކުރެވުނު 'ފުޅާ އައްޑޫ'ގެ ތަޞައްވުރު ޙަޤީޤަތަކަށް ވާނެ ދުވަހަކާމެދު ރައްޔިތުން ދަނީ އިތުރަށް މާޔޫސްވަމުންނެވެ. މި ގޮންޖެހުންތަކަށް އަވަސް ޙައްލެއް ނުގެނެވިއްޖެނަމަ، މުޖުތަމަޢުގައި ލާފައިވާ ރެނދުތައް އިތުރަށް ފުޅާވެ، ފުންވެގެން ދާނެ އެވެ. ވަރުގަދަ، އެއްބައިވަންތަ އައްޑޫ ސިޓީއެއްގެ ޙުލްމު ގެއްލިދާނެކަމުގެ ބިރު އުފެދި، ވަކިވުމަކީ ކުރިމަގަށް އޮތް ހަމައެކަނި ޙައްލުތޯ ގިނަ ރައްޔިތުން އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ. ސިޓީ ކައުންސިލާއެކު ކުރިއަށް ދިއުމަށް ރެފެރެންޑަމްގައި ވޯޓު ދެއްވި ފޭދޫގެ ގިނަ ރައްޔިތުން ވެސް މި ސުވާލު އުފައްދަ އެވެ.
އެހެން ނަމަވެސް، އެއްސި ޓީގެ އުންމީދަކީ އަދިވެސް ހުވަފެނެއް ނޫންކަން ފާހަގަކުރަމެވެ. އިޞްލާޙީ ފިޔަވަޅުތައް އެޅުމާއި، ގެއްލިފައިވާ އިތުބާރު އަލުން ބިނާކުރުމާއި، ޙަޤީޤަތުގައި ވެސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތްދޭ ނިޒާމެއް ގާއިމުކުރުމުގެ ޤާބިލުކަން އައްޑޫގެ ލީޑަރުންނާއި ރައްޔިތުންގެ ކިބައިގައި އެކުލެވިގެންވާކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ. އެހެންކަމުން، އެއްސިޓީއެއްގެ ގޮތުގައި، ފަޚުރުވެރިކަމާއެކު އައްޑޫ އަލުން ތެދުވެ، ކުރިއެރުމާއި ތަރައްޤީގެ މަގުގައި ދެމިއޮންނާނެކަމީ ޝައްކެއް ނެތް ޙަޤީޤަތެކެވެ.