Last Updated: July 6, 14:04
Monday, July 6, 2026
ޚަބަރު

ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން ފުރުސަތެއް ނުދޭނަން

ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ސިނގިރޭޓް ކާޓަންތަކެއް ގެއްލުނު މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ އެކަންކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.

އަދި މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން އެ ހިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ހިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހާތްތެރިކަން ހިފަހައްޓައި ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، މި މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަން ކުރަމުންގެންދާ މައިގަނޑު އަމާޒުކަމުގައިވެސް އެ ބަޔާނުގައިވެ އެވެ.

ފުލުހުން މިހާރު ބަލަމުންދާ އެ 2 މައްސަލައަކީ ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެ ތެރެއިން 6 ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައަކާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓޫން ސިނގިރޭޓު މަދުވެފައިވާ މައްސަލައެކެވެ.