Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ކާތިކާއި އަނަންޔާގެ ފިލްމުގެ ޓީޒާ ދައްކާލައިފި

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭ ލީޑް ރޯލު ކުޅެފައިވާ މި ރޮމޭންޓިކް ކޮމެޑީ ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 25 ގަ އެވެ. "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޓީޒާ މިއަދު ދައްކައިލީ މުމްބާއީގައި ބޭއްވި އިވެންޓެއްގެ ތެރޭގަ އެވެ.

އެގޮތުން ޓީޒާ ދައްކައިލި ހަފުލާގައި ކާތިކްގެ 34 ވަނަ އުފަން ދުވަސް ވެސް ފާހަގަކުރި އެވެ. އޭނަގެ އުފަން ދަނީ ނޮވެމްބަރު 22 އެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ދެ ތަރިންގެ ދެވަނަ ފިލްމުގެ އިތުރަށް ދަރުމާ އިން ގެނެސްދޭ ކާތިކްގެ ފުރަތަމަ ފިލްމެވެ. މަގުބޫލު ސްކްރީން ޖޯޑެއްގެ ގޮތުގައި މިހާރު ފާހަހަގަކޮށްލެވޭ ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ، ޕަތުނީ އޯރް ވޯ" އެވެ.

މަޖާ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޑައިރެކްޓަކީ ސަމީރު ވިދުވަންސް އެވެ އޭނަ އަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.